ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ބޭނުންވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކަމަށް ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހު ބުނެފިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ލިވަޕޫލުން ވަނީ ޔަގީންކޮށްފައެވެ. ލިވަޕޫލުން ފައިނަލް ޔަގީންކުރީ ސެމީ ފައިނަލުގެ ދެ ލެގުގައިވެސް ވިލަރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ލިވަޕޫލާ ދެކޮޅަށް ކުޅޭނެ ޓީމެއް ޔަގީންވާނީ މިރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގުގެ ނަތީޖާއިންނެވެ. އެ ދެ ޓީމުން އިނގިރޭސިވިލާތުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.
"ލިވަޕޫލުން ސެމީ ފައިނަލުގައި ދެއްކި ހިތްވަރުންވެސް އެނގެނީ ޓީމުގެ ފެންވަރު. ފައިނަލުގައި ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނަސް އެއީ އުނދަގޫ މެޗަކަށްވާނެ. އަހަރެން ތެދަށް ބުނާނަމަ ބުނަން ޖެހޭނީ ފައިނަލުގައި ވާދަކުރަން ބޭނުންވަނީ ރެއާލްއާ ދެކޮޅަށް. ސިޓީއަކީ އުނދަގޫ ޓީމެއް، ރެއާލްވެސް ފަސޭހައެއް ނުވާނެ. ސިޓީއާ އެންމެ ގިނައިން ވާދަކުރެވިފައިވެސް ހުރީ. ސިޓީއަކީ އިނގިރޭސި ޓީމެއް ނަމަވެސް، ތެދަށް ބުނާނަމަ ބުނާނީ ފައިނަލުގައި ކުޅެން ބޭނުންވަނީ ރެއާލްއާ ދެކޮޅަށޭ،" ސަލާހް ރޭގެ މެޗަށްފަހު ބުންޏެވެ.
ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލްއާއި ލިވަޕޫލް އެންމެފަހުން ވާދަކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ ފައިނަލުގައި ރެއާލުން ލިވަޕޫލް ބަލިކޮށް ތަށި ނެގި އިރު، ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން މެޗު ތެރެއިން ސަލާހުގެ ކޮނޑު ހުޅަށް އަނިޔާވެގެން ބާލަން ޖެހުނެވެ.
ރެއާލްއާ ދެކޮޅަށް ފައިނަލުގައި ކުޅެން ބޭނުންވަނީ އެކަމުގެ ބަދަލު ހިފުމަށްތޯ ސުވާލު ކުރުމުން ސަލާހް ބުނީ އެ ފައިނަލުގެ ހަނދާން އެބަހުރި ކަމަށާއި، ބޭނުންވަނީ އިތުރު ފައިނަލެއްގައި ކުޅެ ރެއާލް ބަލިކުރަން ކަމަށެވެ.
"އެ ފައިނަލުގައި ބަލިވި ހަނދާން އެބަހުރި. އެހެންވީމަ އަހަރެން ބޭނުންވޭ ފައިނަލަށް ގޮސް ރެއާލް ބަލިކުރަން. އެއީ އުންމީދެއް،" ސަލާހް ބުންޏެވެ.
ރޭގެ މެޗަށްފަހު ސަލާހް ވަނީ ސީޒަންގައި އޭނާގެ ކާމިޔާބީއަށް ވާސިލުވާން ކުރިއާލައި ކުރާ އުންމީދުތަކަށްވެސް ވާހަކަދައްކައިފައެވެ. ސަލާހް ބުނީ ސީޒަން ފެށުމުގެ ކުރިން 40 ގޯލުގެ އިތުރުން 10-15 އާ ދެމެދުގެ އަދަދަކަށް އެސިސްޓް ހަދަން ޓާގެޓް ކަނޑައެޅި ކަމަށެވެ. މިހާރުވެސް އެސިސްޓް ޓާގެޓަށް ސަލާހް ވާސިލުވެފައިވާ އިރު، ސަލާހް ވަނީ ސީޒަންގައި 30 ގޯލު ހަމަކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު