ފުވައްމުލަކު ސިޓީގެ ނެރު ކައިރިއަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށް ގެއްލުނު އުމުރުން 35 އަހަރުގެ މުހައްމަދު ސައީދު (ސައިއްޓޭ) ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ދިޔަ ސައީދު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 3:36 ހާއިރެވެ. އޭރުއްސުރެ އޭނާ ހޯދުމުގެ މަސަައްކަތް އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ދެ ހާބާ ކްރާފްޓް ބޭނުންކޮށްގެން ކަނޑުގެ 55 މޭލުު އިއްޔެ ބެލި ކަމަށެވެ. އަދި މިއަދުވެސް އެމްއެންޑީއެފުން އަންނަނީ ދެ ހާބާ ކްރާފްޓް ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑޯނިއާ ފްލައިޓް އެ އޮޕަރޭޝަންގައި ބައިވެރިވުމަށް ސައިޓަށް ދަތުރުކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އިއްޔެއާއި މިއަދުވެސް ފުވައްމުލަކު ސިޓީގެ ޑައިވަރުންވެސް އެ އޮޕަރޭޝަންގައި ބައިވެރިވެފައިވެއެވެ.
ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ އިއްޔެ މެންދުރުފަހު 2:30 ހާއިރު ކަމަށާއި، ފީނަން ފޭބިއިރު އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ގެއްލުނު މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.
ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރު ސައިއްޓޭ ޑައިވިނަށް ފޭބީ މަހުމޫދު ރިޒާއާއެކުއެވެ. އޭނާ ޑީކޯވުމުގެ ސަބަބުން މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު