އިނގިރޭސި ޕްރިމިއާ ލީގު

ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ހޯދި އެންމެ ބޮޑު މޮޅާއެކު ހަނި އުންމީދެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި 3-0 އިން ބްރެންޓްފޯޑު ބަލިކޮށްފިއެވެ.

ރޭގެ މެޗުން ޔުނައިޓެޑް ހޯދި މޮޅަކީ އެޓީމުގެ ކޯޗުކަމާ ވަގުތީގޮތުން ރާފް ރަންގްނިކް ހަވާލުވިފަހުން ހޯދި އެންމެ ބޮޑު މޮޅެވެ. ރޭގެ މެޗަކީ ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު އެންމެ ފަހު ހޯމް މެޗުވެސް މެއެވެ. ރޭގެ މެޗާއެކު ޔުނައިޓެޑަށް ވަނީ އެޓީމުން ޗެމްޕިއަންސް ލީގު ފުރުސަތަކަށް ކުރަމުން އަންނަ މަސައްކަތަށް ކުޑަ އުންމީދެއް ހޯދައިފައެވެ.

އަމިއްލަ ބާރުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދެން ޔުނައިޓެޑަށް ނެތް ނަމަވެސް އާސެނަލާއި ޓޮޓެންހަމް އަދި ޗެލްސީގެ ނަތީޖާތަކަށް ބަލައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ފުރުސަތަކަށް އުންމީދު ކުރެވޭނެ ހަނި ޖާގައެއް އެބައޮތެވެ. 36 މެޗުން 58 ޕޮއިންޓާއެކު ޔުނައިޓެޑް ތާވަލުގެ ހަވަނައިގައި އޮތް އިރު، ފަސްވަނައިގައި ޓޮޓެންހަމް އޮތީ 34 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް އާސެނަލަށް 34 މެޗުން 63 ޕޮއިންޓް ލިބިފައި އޮތް އިރު، އެ އަދަދަށް މެޗު ކުޅެ ޗެލްސީއަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އަށް ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު ޖުއާން މަޓާ ނުކުމެފައިވެއެވެ. މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލަން މަޓާ ނިންމާފައިވާ އިރު، ރޭގެ މެޗުވީ އޭނާއަށް ހާއްސަ މެޗަކަށެވެ. މެޗުގައި މަޓާ ވަނީ ރަނގަޅު ޕާސްތަކެއް ކޮށް، މެދުތެރެއިން ރަނގަޅު ކުޅުމެއް ކުޅެފައެވެ.

ރޭގެ މެޗުގެ ނުވަވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގީ ބްރޫނޯ ފެނާންޑޭޒްގެ ގޯލަކުންނެވެ. އެ ގޯލަކީ އެންތޮނީ އެލަންގާ އަރިމަތިން ނެގި ބޯޅައަކުން ފެނާންޑޭޒް ޖެހި ހިތްގައިމު ވޮލީއެކެވެ. އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ނަމަވެސް މަދުވީ ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ބްރެންޓްފޯޑުގެ ކްރިސްޓިއަން އެރިކްސަންއާއި ޓޮނޭގެ ހަމަލާތައް ފެނުނު އިރު، ޑޭވިޑް ޑެހެއާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ބްރައިޓަންއިން ރަނގަޅަށް ކުޅުނު ނަމަވެސް އަނެއްކާވެސް ގޯލު ޖެހީ ޔުނައިޓެޑުންނެވެ. 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖެހި އިރު، އެއީ ޕްރިމިއާ ލީގުގެ މި ސީޒަންގައި އޭނާ ޖެހި 18 ވަނަ ގޯލެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ތިންވަނަ ގޯލު ރަފޭލް ވަރާން ޖެހި އިރު، އެއީ ޔުނައިޓެޑް ޖާޒީގައި ވަރާން ޖެހި ފުރަތަމަ ގޯލެވެ.