ފީޗާރޑް

ފުވައްމުލަކު ޑައިވަރު ގެއްލުން: އޮކްސިޖަން ހުސްވި، ސައީދު ގޮވައިގެން މައްޗަށް އަރަން މަހުމޫދު މަސައްކަތް ކުރި!

މުހައްމަދު އިޝާން

މުޅި ރާއްޖެއަށް "ޓައިގާ ޝާކު އައިލެންޑް" ގެ ނަމުން މަޝްހޫރުވެފައިވާ ފުވައްމުލަކު ސިޓީއަކީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޑައިވިންއަށް ދާ ރަށެކެވެ. އެ ސިޓީއަކީ ފަތުރުވެރިންގެ މެދުގައި ޓައިގާ ޝާކު ނުވަތަ ފެމުނު ބަލައިލަން މަގުބޫލު ސިޓީއެކެވެ. އަހަރުގެ ކޮންމެ ހިސާބެއްގައިވެސް އެ ސިޓީން ފެމުނު ފެނެއެވެ.

އެއާއެކު ފުވައްމުލައް ވެފައިވަނީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށެވެ. ފަތުރުވެރިންނަށް ކަނޑުއަޑީގެ ރީތި މަންޒަރުތައް ދެއްކުމަށް އެންމެ އިސްކޮށް އުޅޭ އެއް ޑައިވަރަކީ އުމުރުން 35 އަހަރުގެ މުހައްމަދު ސައީދު (ސައިއްޓޭ) އެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސައިއްޓެއަކީ ޕަޑީގެ ސަޓިފައިޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ފަނަރަ ވަރަކަށް އަހަރު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ. އެއީ މޮޅު ޑައިވަރެކެވެ.

ގިނަ އަހަރުތަކެއް ވާންދެން ރާއްޖޭގެ އެކި ރިސޯޓުތަކުގެ ޑައިވިން ސެންޓަރުތަކުގައި ވެސް މަސައްކަތްކުރުމަށްފަހު މިހާރު "ޑައިވްޕޮއިންޓް ފުވައްމުލަކު މޯލްޑިވްސް"ގެ ނަމުގައި ސައިއްޓެ އަންނަނީ ޑައިވިން ސެންޓަރެއް ހިންގަމުންނެވެ. އެތަނަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.

ފުވައްމުލަކުގައި ފަތުރުވެރިންނަށް ޑައިވިން ހިދުމަތް ފޯރުކޮށްދޭ ސައިއްޓޭ އިއްޔެވެސް ފަތުރުވެރިން ގޮވައިގެން "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ދިޔައީ ފެމުނު މިޔަރު ބަލައިލުމަށެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް އިއްޔެ ހަވީރު ވެސް ސައިއްޓޭ ދިޔައީ އެކުވެރި މަހުމޫދު ފާއިޒް ގޮވައިގެން ފަތުރުވެރިންނަށް ޑައިވިން ހިދުމަތްދިނުމަށެވެ. އެކަމަކު ކަންތައް ވެގެންދިޔައީ އެހެން ދުވަސްތަކާ މުޅީން ހިލާފަށެވެ.

މަހުމޫދު މައްޗަށް އަރައި ހަޅޭއްލެވުމުން ފުރަތަމަ އެހީއަށް އައީ ކައިރީގައި އޮތް ދޯންޏެއް!

ޑައިވިނަށް ދިއުމަށް ސައިއްޓޭ ދަތުރު ފެށީ ފަތުރުވެރިންނާއެކު ޑައިވިން ދޯނީގައެވެ. ނަމަވެސް ފުރަތަމަ ޑައިވިނަށް ދިޔައީ ސައިއްޓޭ އާއި މަހުމޫދެވެ. މަހުމޫދު މައްޗަށް އަރައި ހަޅޭއްލަވާ އަޑު އިވުމުން ކައިރީގައި އޮތް އެހެން ދޯންޏެއް ވެސް އެހީތެރިކަމަށް އައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ދޯނީގައި އިސްކޮށް އުޅުނު މީހަކު "ވަން"އަށް މައުލޫމާތުދެމުން ބުނިގޮތުގައި އޭރު އެމީހުންނާ ސައިއްޓޭމެންގެ ދޯންޏާ ދެމެދު ހުންނާނީ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓުގެ ދުރުމިނެވެ. އެ ދޯނީގައި ތިބި މީހުންނަށް ފުރަތަމަ ފެނުނީ ސައިއްޓޭ އާއެކު ޑައިވިނަށް ފޭބި މަހުމޫދު މައްޗަށް އަރައި ހަޅޭއްލަވަން ފެށި މަންޒަރެވެ.

މަހުމޫދު ދޯންޏަށް ނެގި އިރުވެސް އޭނާ ދިޔައީ ބިރުވެރިކަމެއްގައި ހުރެ ހަޅޭއްލަވަމުންނެވެ. ކައިރި ކުރި ދޯނީގައި ތިބި މީހުންނަށް އޭރު އިތުރު މީހެއް ޑައިވިނަށް ދިޔަ ކަމެއް ނޭނގެއެވެ. އެމީހުންނަށް ސައިއްޓޭ ގެއްލުނުކަން އެނގުނީ ޑައިވިން ދޯނީގައި ތިބި މީހުން، ސައިއްޓޭ ކޮބައިތޯ އަހައި ސުވާލުކުރުމުންނެވެ. އޭރު ގަޑިން މެންދުރުފަހު 3:30 ކަމަށް އެ ދޯނިން ވާހަކަދެއްކި މީހާ މައުލޫމާތުދިނެވެ.

"އޭނާ (މަހުމޫދު) މައްޗަށް އަރާ ހަޅޭއްލެވީ. އެއްވެސް ވާހަކައެއް ނުދައްކާ. ފިންސުވެސް ދޫކޮށްލާފަ ހަމަ ހަޅޭއްލަވަނީ. މިބުނީ އޭނާގެ ޑައިވިން ކިޓާއި ހުރިހާ އެއްޗެއް ވަނީ ދޫކޮށްލާފަ، ޑީކޯ ވެފަ ހުރީ. އެ ދޯނިން ބުނީމަ އަޅުގަނޑުމެންނަށް އެނގުނީ ސައިއްޓޭ ވީ އަޑީގައިކަން. ހަމަ ވަގުތުން އެނގިއްޖެ ކަމެއް ވެއްޖެކަން. އެ ސަރަހައްދު ވަރަށް އޮއިބާރު. އިތުރަށް ލަސްނުކޮށް އަޅުގަނޑާއި އެހެން މީހަކު ވަގުތުން ފުންމާލީ ސައިއްޓޭ ހޯދަން،" ދޯނިން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ސައިއްޓޭ ހޯދަން 50 ވަރަކަށް މިނިޓު ވަންދެން އެ ސަރަހައްދު ބެލި ކަމަށާއި ނަމަވެސް ސައިއްޓޭ ފެނިފައި ނުވާކަމަށް އޭނާ ބުންޏެވެ. އެހެންވެ ފުލުހުންނަށާއި އެމްއެންޑީއެފް އަދި ފުވައްމުލަކުގެ ޑައިވިން ސެންޓަރުތަކަށް އެންގި ކަމަށާއި، އެ ހިސާބުން ސައިއްޓެ ހޯދުމުގެ މަސައްކަތް މާލަސްތަކެއް ނުވެ ލާޖް ސްކޭލެއްގައި ފެށުނެވެ.

ދެމީހުންގެ ވައި ފުޅިވެސް ހުސްވި، އަޑިއަށް ގޮސް ސައީދަށް އެހީވާން މަހުމޫދު މަސައްކަތްކުރި!

އެ ހާދިސާގައި ޑީކޯވި މަހުމޫދަށް ފަރުވާދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމަށްފަހު އިތުރު ފަރުވާދިނުމަށް މިހާރު ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓަށް ގެންގޮސްފައެވެ. މަހުމޫދުގެ ހާލު ސީރިއަސްކަމަށް އެރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ސައިއްޓޭ ގެއްލެން ދިމާވި ސީދާ ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ޑީކޯވި މަހުމޫދު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ވަނީ އެކަން ހިނގައިދިޔަ ގޮތުގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ.

މަހުމޫދު ކިޔައިދިން ވާހަކަތައް ހިއްސާކުރަމުން އޭނާއަށް އެހީވި ދޯނިން ވާހަކަދެއްކި މީހާ މައުލޫމާތުދިން ގޮތުގައި ސައިއްޓެ އަޑިއަށް ގޮސްގޮސް ހުއްޓައި މަހުމޫދަށް ފެނުނެވެ. ސައިއްޓޭ ގޮވައިގެން މަހުމޫދު މައްޗަށް އެރުމަށް މަސައްކަތްކުރި ނަމަވެސް، މައްޗަށް އަރަން ޖެހުނީ އޭނާގެ ވައި ފުޅި ހުސްވުމުން، ވައި ޖެހުމަށެވެ.

"އެނާ ބުނި ތިމަންނައަށް ސައިއްޓޭ ފެންނަނީ ހުއްޓިގެން އަޑިއަށް ގޮސްގޮސް ހުއްޓައޭ. ފޭނުނީމަ ތިމަންނަ ދިޔައީ އޭނާ ނަގަންށޯ. އޭނާގެ ކޮމްޕިއުޓަރުން ދައްކާގޮތުން އޭނާ ވަނީ 78 މީޓަރު އަޑިއަށް ގޮސްފަ ކަމަށް ބުނި. އެތާ އެހުންނަ އޮއިވަރުގެ ޖެހިފަ އަޑިއަށް ދިޔައީ ކަމާއި، ސައިއްޓޭ އަތުވީ 78 މީޓަރު އަޑިން ކަމަށާ ވައި ޝެއާކުރި ވާހަކަ ވެސް ބުނި. މަހުމޫދު ބުނާގޮތުން 30 މީޓަރަށް ސައިއްޓޭ ގޮވައިގެން އޭނާ އެރި. އަރާފަ އެ ހިސާބުން އޭނާގެ ވައި ހުސްވީއޯ ވައި ފުޅީގެ ވައި. ހުސްވީމާ ފިންސު ދޫކޮށްލާފަ މައްޗަށް އެރީ ފުޅިއަށް ވައި ޖަހަން،" އޭނާ ބުންޏެވެ.

ސައިއްޓޭ ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ޑައިވިނަށް ފޭބިއިރު ސައިއްޓޭ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ. ސައިއްޓެ ހޯދުމުގެ މަސައްކަތުގައި މިހާރު އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ވެސް ހަރަކާތްތެރިވެއެވެ. އަދި ފުވައްމުލަކު މީހުން ވެސް އަންނަނީ އެރަށު ގޮނޑުދޮށް ވެސް ހުއްޓުމެއްނެތި ބަލަމުންނެވެ.

ސައިއްޓޭއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.