ޚަބަރު

"އިންޑިއާ އައުޓް"ގެ ސްޕްލިން ބަދަލުކޮށްގެން ބެނާ ހެދުމަކީ ކޯޓު އަމުރަށް ގޮންޖެހުން: ކުރިމިނަލް ކޯޓް

މުހައްމަދު އިޝާން

"އިންޑިއާ އައުޓް"ގެ ސްޕްލިން ބަދަލުކޮށްގެން އަދި އިންޑިއާގެ ނަން ގެނައުމެއް ނެތި މަންޒަރުން އެކަން ސިފަކުރެވޭ ގޮތަށް ބެނާތައް ހެދުމަކީ އިންޑިއާ އައުޓް ބެނާތައް ނަގަން ކުރިން ނެރެފައިވާ އަމުރަށް ގޮންޖެހުން ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާއެއް ވަނީ އެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައާއި ޕީޕީއެމް އޮފީހުގައި ވެސް ހަރުކޮށްފައެވެ. ފުލުހުން ވަނީ ކޯޓު އަމުރެެއްގެ ދަށުން އެ ބެނާތައް ނަގައިފައެވެ.

ނަމަވެސް ފަހުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް"ގެ ސްޕެލިން ބަދަލުކޮށް އަލުން ޕީޕީއެމް އޮފީހުގައާއި ބައެއް ގެތަކުގައި ބެނާ ހަރުކޮށްފައެވެ. އެ ބަނާތައް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަގައިފައެވެ. ބެނާތައް ހަރުކުރުމުގެ އިތުރުން "އިންޑިއާ އައުޓް"ގެ ގްރެފިޓީތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުން މިހާރު ފެންނަމުންދެއެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ، އިންޑިއާގެ ނަން ދޭހަވާ ގޮތަށް އަކުރުތައް ބަދަލުކުރުމާއި މަންޒަރުން އެކަން ތަސައްވުރު ކުރެވޭ ފަދަ ގޮތަކަށް ބެނާތައް ހަރުކުރަމުން ދިއުމަކީ ކުރިން ނެރެފައިވާ އަމުރަށް ގޮންޖެހުން ކަމަށެވެ.

"އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭ ފަދަ އަދި އިންޑިއާގެ ދިދައަށް އިހުތިރާމު ކުޑަވާ ފަދަ ކުރެހުންތަކުގެ ގްރެފިޓީ އާއި ބެނާތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ދަނީ ކޯޓު އަމުރާއި ނިންމުމަށް ގޮންޖަހައި، ނުސީދާ އިބާރާތްތަކުންނާއި ކުރެހުންތަކުން މި ކެމްޕެއިންގެ މެސެޖު ފާޅުކުރަމުން ދިއުމުގެ ބޭނުމުގައި،" އަމުރުގައި ބުންޏެވެ.

މީގެ އިތުރުން އެ އަމުރުގައި ވަނީ އިންޑިއާގެ ގައުމީ ދިދައާ ވައްތަރު ގޮތަށް ބެނާއެއް ހެދުމަށްފަހު އޭގައި "އައުޓް" ލިޔުމަކީ ހާރިޖީ ގުޅުންތަކަށް އަސަރުކޮށް، އޭގެ އަސަރު ދިވެހިންނަށް ކުރާނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ހަމަނުޖެހުންތަކެއް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަކަށްވުމުން އެފަދަ ކަންތައް ކުރުމަކީ ގާނޫނީގޮތުން ކުށެއް ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރު ބާތިލުކަމަށް ކަނޑަޅައިދިނުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.