ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތިި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓެއް ފާސްކޮށް އެ ފަސް މީހުން ހައްޔަރުކުރި އިރު، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ އެންމެންގެ ބަންދަށްވެސް 15 ދުވަސް ދީފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކީގައި ބުނީ އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އެ ކަބަޑާއި ސޯފާމަތިންނާއި އެ ފްލެޓްގެ ދެ ކޮޓަރި ބަލައި ފާސްކުރުމުން 50،300 ރުފިޔާއާއި މަސްތުވާތަކެތި ބަންދުކުރާ އާލަތްތައް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނެފައި ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި އެ ފްލެޓަށް ދިޔައީ މަސްތުވާތަކެތި ބޭނުންކުރަން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ރީހެބަށް ފޮނުވައިދިނުމަށް ކޯޓުގައި އެދިފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މީގެ ކުރީން މަސްތުވާތަކެތި ބޭނުންކޮށް، ރީހެބުގެ ފަރުވާ ފުރިހަމަކޮށްފައިވާ މީހެއްވެސް ހިމެނެއެވެ.

އެހެން މީހަކު ކޯޓުގައި ބުނީ، ފްލެޓުން ފެނުނު ފައިސާއަކީ ވަޒީފާ އަދާކުރާ ތަނުން ލިބިފައިވާ ފައިސާ ކަމަށާއި ނަމަވެސް ފްލެޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުންހުރި ތަކެތި ނޫން ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށްވެސް ބުންޏެވެ.