އިނގިރޭސި ފުޓުބޯޅަ ކްލަބު ޗެލްސީ ވިއްކާލުމުގެ ކަންކަން ނިމުމަކާ ގާތްވެ، ކްލަބު ވިއްކާލާނެ ފަރާތެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިތުބާރު ނޫސް ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗެލްސީ ގަންނަން ހުށަހެޅި ބިޑްތަކުގެ ތެރެއިން ކްލަބު ވިއްކާލަން ހޮވުނު ބިޑަކީ އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްވެ ހުރެ އުފެއްދި ހާއްސަ ކޮންސޯޓިއަމަކުން ހުށަހަޅާފައިވާ ބިޑެވެ.
ޓޮޑަކީ އެމެރިކާގެ އެންއެފްއެލް ކްލަބެއް ކަމަށްވާ އެލްއޭ ޑޮޖާސްގެވެސް ވެރިޔާއެވެ. އޭނާގެ މައިގަނޑު ވިޔަފާރި ބަރޯސާވެފައި އޮންނަނީ އެކިއެކި އިންވެސްޓްމަންޓުތަކަށެވެ. އޭނާގެ މައިގަނޑު ކުންފުންޏަކީ އެލްރިޖް އިންޑަސްޓްރީސްއެވެ.
ޓޮޑް ޗެލްސީ ގަންނަން ހުށަހެޅީ ޖޮއިންޓް ބިޑެކެވެ. އޭނާއާއެކު ދެން ބިޑުގައި ހިމެނެނީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ކްލިއާލޭކް ކެޕިޓަލްއެވެ. ޓޮޑްގެ މިލްކިއްޔާތުގެ އަންދާޒާއަކީ 4.5 ބިލިއަން ޑޮލަރެވެ. ޓޮޑާއެކު ކޮންސޯޓިއަމްގައި ހިމެނޭ ކްލިއާލޭކް އިންވެސްޓްމަންޓަކީ މިލްކިއްޔާތުގައި 43 ބިލިއަން ޑޮލަރު ހުރި ކުންފުންޏެއް ކަމަށް ފޯބްސްއިން ބުނެފައިވެއެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އޭނާއަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިއަކަށްވާތީއެވެ.
ޗެލްސީއަށް އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، ކްލަބު ހިންގަން ހުއްދަ ދީފައިވަނީވެސް ވަކި ލައިސަންސެއްގެ ދަށުންނެވެ.
ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ކުޅުންތެރިން ގެންދިއުމާއި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އަބްރަމޮވިޗް މަސައްކަތް ކުރަމުންދަނީ ރަނގަޅު ބިޑަކަށް އަވަހަށް ކްލަބު ވިއްކާލުމަށެވެ. ކްލަބު ވިއްކާލުމުގައި ބަލަންޖެހޭ ކަންކަން ބަލައި، އެކަން ކުރިއަށް ގެންދަން އަބްރަމޮވިޗް ހަވާލުކުރީ އެމެރިކާގެ ރައިނޭ ގްރޫޕާއެވެ.
ޗެލްސީ ގަތުމަށް ގިނަ ބަޔަކު ބިޑްކޮށް ފައިނަލް ޝޯޓްލިސްޓަށް ޓޮޑްގެ އިތުރުން ދެން ހޮވިފައި ވަނީ އެންބީއޭގެ ބޮސްޓޮން ސެލްޓިކް އަދި ސެރެއާ އޭގެ އެޓަލާންޓާގެ ހިއްސާ އޮންނަ ސްޓެފަން ޕަގްލިއޫކާ އިސްވެ ހުށަހެޅި ބިޑާއި ކުރިން ބްރިޓިޝް އެއާވޭސްގެ ޗެއާމަންކަން ކުރި ސާ މާޓިން ބްރައުޓަން އިސްވެ ހުށަހެޅި ބިޑެވެ.
އޭގެ އިތުރުން އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި މީހާ، ޗެލްސީގެ ޒަމާންވީ ސަޕޯޓަރު ސާ ޖިމް ރެޗްކްލިފް ވަނީ ފަހު ވަގުތު ޗެލްސީ ގަންނަން ބިޑުކޮށްފައެވެ.
ރެޗްކްލިފް ބިޑް ކުރީ 4.25 ބިލިއަން ޕައުންޑުގެ އަގަކަށެވެ. ބެލެވޭ ގޮތުގައި އޭނާގެ ބިޑް ބަލައިނުގަތީ މާލަސްވުމުންނެވެ. ރެޗްކްލިފް ނެރުނު ބަޔާނެއްގައި އޭނާ ބުނީ "ބްރިޓިޝް ކްލަބަކަށް ބްރިޓިޝް،" ބިޑެއް ހުށަހެޅީ ޗެލްސީއަށްޓަކައި ކަމަށެވެ. އެގޮތުން އޭނާ ވަނީ ޗެލްސީގެ ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އާ ޕްލޭނެއްވެސް ބިޑުގައި ހިމަނައިފައެވެ. އެއާއެކު ރެޗްކްލިފް ބުނެފައި ވަނީ ޗެލްސީގެ ސްކޮޑު ވަރުގަދަކޮށް ބޭއްވުމަށް އަބަދުވެސް އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.
ޗެލްސީ ވިއްކާލުމުގެ ކަންކަން އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ އިރު، އެ ކްލަބު ވިއްކާލެވޭނީ އިނގިރޭސި ސަރުކާރުން އެކަމުގެ ފެހި ސިގްނަލް ދިނުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ރައިނޭ ގްރޫޕުން ބިޑް އެވަލުއޭޝަން ނިންމައި ޓޮޑްގެ ކޮންސޯޓިއަމްއަށް ޗެލްސީ ވިއްކާލަން ހުއްދަ ދޭން މިހާރު ވަނީ ސަރުކާރާއި ޕްރިމިއާ ލީގުގެ ކިބައިން އެދިފައެވެ. އެ ކަންކަން ފުރިހަމަވެ، އަންނަ މަހަށް އާ ވެރިޔަކު ޗެލްސީއާ ހަވާލުވާނެ ކަމަށް ބެލެވެއެވެ.