ޚަބަރު

"އިންޑިއާ އައުޓް" ކެމްޕޭނަށް ފަންޑުކުރަނީ ޗައިނާއިން ކަމަށް ނަޝީދު ތުހުމަތުކުރައްވައިފި

މުހައްމަދު އިޝާން

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ފަންޑު ކުރަނީ ޗައިނާއިން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސިޔާސީ ފައިދާއެއް ހޯދުމަށްވުރެ ބޮޑަށް ފަންޑު ލިބޭތީ ކުރާ ކަމެއް ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ޔާމީން ކުރިއަށް ގެންދަވާ ކެމްޕޭނަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ތާއިދުނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަހަރުމެން ކަނީ އެކައްޗެއް، ބަލަނީ އެއް ފިލްމުތަކެއް، ކިޔަނީ އެއް ފޮތެއް، އަހަރުމެން ތިބެނީ އިންޑިއާ މީހުން ތިބޭ ގޮތަށް. މޮޔައަކު ނޫނީ ވިދާޅެއްނުވާނެ އިންޑިއާ ދާށޭ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ފާއިތުވި 50 އަހަރުން ފެށިގެން އިންވެސްޓު ކުރަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވިޔަފާރިވެރިން އެސްބީއައިގެ މުހިންމުކަން ބަލައިގަންނަ ކަމަށާއި، އިންޑިއާ އައުޓަކީ ރައްޔިތުން މެދުގައި މަގުބޫލު ކެމްޕޭނެއް ނޫން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ފަންޑުކުރަނީ ޗައިނާއިންތޯ ނޫސްވެރިޔާ ނަޝީދަށް ސުވާލުކުރުމުން ނަޝީދު ވިދާޅުވީ" އަޅުގަނޑު އެހެން ބުނުމުގެ ކުރިން، ފުލުހުން އެ ކެމްޕޭނާ ގުޅޭގޮތުން ތަހުގީގެއް ފަށަން ޖެހޭ" ކަމަށެވެ.

"ސިޔާސީ ފައިދާއެއް ހޯދުމަށް ކުރާކަމަކަށް ނުވާނެ، ކަމާގުޅޭ އިދާރާތަކަށް އެނގޭނެ ފަންޑުލިބޭ ގޮތް، އެ މީހުން ކުރާ ދަތުރުތަކާ ކެމްޕޭނަށް ހަރަދުކުރަން ފައިސާ ލިބޭ ގޮތާއި ޓީޝާޓުތަކަށް ފައިސާ ލިބޭގޮތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ހުއްޓުވޭނެ ގޮތެއް އޮންނަ ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ހިޔާލުފާޅު ކުރުމުގެ މިނިވަން އެއްވެސް ހައްދެއްނެތި ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ނަފްރަތު އުފައްދަން އެ ހައްގު ބޭނުން ނުކުރެވޭނެ. ދެބަސްވުން އުފައްދަން ބޭނުން ނުކުރެވޭނެ. ގުޅުންތައް ކަނޑުވާލުމަށް އެ ހައްގު ބޭނުން ނުކުރެވޭނެ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނެއްގެ ތެރެއިން މިކަން ހުއްޓުވެން ޖެހޭނެކަމަށް. ހާއްސަކޮށް އަވައްޓެރި ގައުމުތަކާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތައް،" ނަޝީދު ވިދާޅުވިއެވެ.

އިންޑިއާއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި ރައީސް ޔާމީން އިންޑިއާމެދު ނުތަނަވަސްކަމެއް އޮތް ނަމަ އިންޑިއާއަށް ވަޑައިގެން އެކަން ހައްލުކުރައްވަން އެދޭ ކަމަށެވެ. އަދި ޔާމީން އިންޑިއާއާމެދު އޮތް ނުތަނަވަސްކަން ހިފައިގެން އިންޑިއާގެ ކޯޓަށް ދިޔުމުގެ އިހުތިޔާރުވެސް އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއާމެދު ބޭއްވި ގާތްކަމަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ، ޔާމީންގެ ނަޒަރުގައި ތަރައްގީއަކީ ކޮންކުރީޓު ކަމަށާއި އެހެންވެގެން ޗައިނާއަށް ދައުވަތު ދީގެން ރާއްޖޭގައި އަގުބޮޑުކޮށް ޕްރޮޖެކްތައް ހިންގާފައިވާ ކަމަށެވެ.

"އެކަމުގެ ނަތީޖާއަކަށްވީ ބޮޑެތި ދަރަނިތައް އުފެދުން. ގިނަ ދަރަނިތަކާއި ހިންގި މަޝްރޫއުތަކާ ގުޅުމެއް ނެތް. މަޝްރޫއު ފެއިލްކޮށްލަން ވެގެން ޗައިނާއިން ވަނީ ގަސްދުގައި މަޝްރޫއުތަކުގެ އަގުބޮޑުކޮށްފަ. އަޅުގަނގުމެން ކުޅޭނެ ތަނެއް ނޯންނާނެ. އެ މަޝްރޫއުތަކުގައި (ހިޔާ މަޝްރޫއު) ކުޅެން ޖާގައެއް ނެތް. އެ މަޝްރޫއުތަކުން ދަރަނި ނުދެއްކިއްޖެނަމަ ދެން އަހާނީ އެ މަޝްރޫއެއްގެ މިލްކުވެރިން ހޯދުމަށް. މަޝްރޫއާއެކު ގެއްލިގެން މިދަނީ އަޅުގަނޑުމެންގެ ވެއްޔާއި މިިނިވަންކަން. މީ ވަރަށް ސީރިއަސް މައްސަލައެއް،" ނަޝީދު ވިދާޅުވިއެވެ.

ޗައިނާގެ ސަބަބުން ސްރިލަންކާއަށް ދިމާވެފައިވާ ހާލަތު ސާފު ކަމަށާއި އެއާ ހިލާފަށް އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކަކީ ދެފުށް ފެންނަ އެހީތައް ކަމަށެވެ. އަދި އިންޑިއާއިން މަޝްރޫއު ހިންގަނީ އަގުބޮޑުކޮށްގެން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.