ޗެލްސީ

މުހިއްމު ކުޅުންތެރިން ޗެލްސީ ދޫކޮށްލި ނަމަވެސް ހާސް ކަމެއް ނެތް: ޓުޗެލް

މި ސީޒަނަށްފަހު މުހިއްމު ބައެއް ކުޅުންތެރިން ޗެލްސީ ދޫކޮށްލަން ނިންމާފައިވީ ނަމަވެސް، އަންނަ ސީޒަނަށް އޮންނަ ކޮންމެ ސްކޮޑަކަށްވެސް "ފުރިހަމައަށް ލޯބި ދޭނެ،" ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މި ސީޒަން ނިމުމަކާ ގާތް ވެފައިވާ އިރު، އަންނަ ސީޒަނަށް ތައްޔާރުވާން އެންމެ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިވެފައިވާ ކްލަބަކީ ޗެލްސީއެވެ. ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ، ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު ޗެލްސީ އޮތީ އަޑި އަޅައިލައިފައެވެ. އެއްބަސްވުންތައް އާކުރުމަށްވެސް ހުރަސްތައް ހުރި އިރު، ކްލަބު ވިއްކާލުމުގެ ކަންކަން ނުނިމެނީސް އާ ކުޅުންތެރިން ގެންނަންވެސް އޮތީ ހުރަސްތަކާ ކުރިމަތިވެފައެވެ.

ޗެލްސީ ވިއްކާލުމުގެ ކަންކަން ފުރިހަމަވާން އަދިވެސް ދެ މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވެއެވެ. އެ ކަންތައްތަކުގެ ތެރެއިން ޗެލްސީއާއެކު އެއްބަސްވުން އާކުރަން މަސައްކަތް ކުރި މުހިއްމު ބައެއް ކުޅުންތެރިން ކްލަބު ދޫކޮށްދާން ފުރުސަތު ދީފައިވެއެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޖަރުމަނުގެ ވަރުގަދަ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ. ރުޑިގާ މި ސީޒަނަށްފަހު ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާއެއްގައި ދާން އެއްބަސްވެފައިވާ އިރު، ޗެލްސީގެ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންސަންވެސް މި ސީޒަނަށްފަހު ޗެލްސީ ދޫކޮށް ބާސެލޯނާއަށް ދާން ވަނީ އެއްބަސްވެފައެވެ.

"ވާދަވެރި ޓީމެއް އަބަދުވެސް ޗެލްސީގައި އޮންނަން ބޭނުންވޭ. އެކަން ކުރެވޭނެ. އެއީ އަހަރެންގެ ވަޒީފާއަކީ. ކޮންމެ ހާލަތެއްގައި ކަންކަން ދިމާވި ނަމަވެސް ޓީމު ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭނެ. އަލަށް ލިބޭ ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާތައް ނެރުމަށް އަހަރެން ކެނޑިނޭޅި މަސައްކަތް ކުރާނަން. އެކަން ކުރަން އަހަންނަށް އެނގޭ. އަލަށް އަންނަ ސްކޮޑަށްވެސް ލޯބި ޖެހޭނެ. އަދި ހުރިހާ ކާމިޔާބީއަކަށް މަސައްކަތް ކުރާނަން،" ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކޯޗު ޓުޗެލް ބުންޏެވެ.

ޗެލްސީއަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ގާތް ގަނޑަކަށް ޔަގީން ވެފައި އޮތް އިރު، މިރޭ އެޓީމުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ. އެފްއޭ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ މެޗުވެސް އަދި އޮތް އިރު، މިރޭގެ މެޗުން މޮޅުވުން ވެގެންދާނީ ޓުޗެލްގެ ޗެލްސީއަށް ބޮޑު ހިތްވަރަކަށެވެ.