ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގެ، ފުރަތަމަ ލެގުގައި ލިވަޕޫލުން ސްޕެއިންގެ ވިލަރެއާލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗާއެކު ލިވަޕޫލަށް އަނެއްކާވެސް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގެ ފުރުސަތު ބޮޑުވެފައެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރަށް ކުޅެފައިވާ އިރު، އޭގެ ތެރެއިން އެއް ފަހަރު ވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ. ލިވަޕޫލުން މިހާތަނަށް ހަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު ޓީމަށް ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.
މި ސީޒަންގައި މިހާތަނަށް ލިވަޕޫލުން ލީގު ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، އެއް ސީޒަނެއްގައި ހަތަރު މުބާރާތް ކާމިޔާބު ކުރެއްވިޖެނަމަ، އެ ކާމިޔާބީ ވެގެންދާނީ އިނގިރޭސި ތާރީހުގައިވެސް ކްލަބަކުން އެއް ސީޒަނެއްގައި ހޯދާނެ އެންމެ ބޮޑު ކާމިޔާބީއަށެވެ.
ވިލަރެއާލްއިން ސެމީއާ ހަމައަށް ދިޔައީ ކުރިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޔުވެންޓަސްއާއި ގަދަފަދަ ބަޔާން މިއުނިކްވެސް ކަޓުވާލައިފައެވެ. ލިވަޕޫލުން މެޗަށް ނުކުތީ ވިލަރެއާލްގެ ޗެމްޕިއަންސް ލީގަށް ފޯމަށް ސަމާލުކަން ދީގެންނެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލުން ކުރިއަށް ޖެހި ކުޅުނު އިރު، ވިލަރެއާލްއިން އެޓީމުގެ ޑިފެންސިވް ޓެކްޓިކްސްގައި ފަހަތުގައި މަޑުކޮށްލައިގެން ތިބިތަން ފެނުނެވެ. ލިވަޕޫލުން ހަމަލާތައް އުފެއްދި ނަމަވެސް އެޓީމަށް ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނެވެ. ލުއިޒް ޑިއާޒްއާއި ތިއޭގޯ އަލްކަންޓާރާގެ ނުރައްކާތެރި ހަމަލާތައް ފުރަތަމަ ހާފުގައި ފެނުނު އިރު، ތިއާގޯގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުހިފުނެވެ.
ރަނގަޅު ޓެމްޕޯއެއްގައި ދެވަނަ ހާފު ފެށި ލިވަޕޫލުން ލީޑު ނަގަން މާ ގިނައިރެއް ނުނެގިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގީ، އަރިމަތިން ޖޯޑަން ހެންޑަސަން ހުރަސް ކުރަން މަސައްކަތް ކުރި ބޯޅައެއް ވިލަރެއާލްގެ ޑިފެންޑަރު ޕާވިސް އެސްޓުޕިނަން ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ބޯޅަ ގޯލަށް ވަނީ ވިލަރެއާލްގެ ގޯލްކީޕަރު ޖެރޮމީނޯ ރުލީ އަތުގައި ޖެހިފައެވެ.
މެޗުގައި ރަނގަޅަށް ކުޅުނު ލިވަޕޫލުން އޭގެ ދެ މިނެޓު ފަހުން ލީޑުވެސް ނެގިއެވެ. ސަލާހުގެ ހިތްގައިމު ޕާހެއް ބޫޓު ކޮޅުން ބޯޅަ ކޮއްޓާލައި ގޯލަށް ވައްދާލީ ސަޑިއޯ މާނޭއެވެ. އެއީ މާނޭ މި ސީޒަންގައި ޖެހި 20 ވަނަ ގޯލެވެ.
ދެ ގޯލުގެ ލީޑަކާއެކު ހަމަޖެހިލައިގެން ކުޅުނު ލިވަޕޫލްގެ ލީޑު ހިފަހައްޓަން މެދުތެރެއިން އެންމެ މުހިއްމު ކުޅުމެއް ދެއްކީ ތިއާގޯއެވެ. އޭނާގެ ބޯޅަތައް މެޗުގައި ހިތްގައިމު ކޮށް ފެނުނު އިރު، ތިންވަނަ ގޯލެއް ޖަހަން ލިވަޕޫލުން އުފެއްދި ހަމަލާތައް ކާމިޔާބެއް ނުވިއެވެ. ޑިއާޒްއާއި ވާޖިލް ވެންޑައިކްގެ ހަމަލާތައް އިތުރަށް ފެނުނު އިރު، އޭގެ ތެރެއިން ވެންޑައިކް ދުރުން ބާރަށް ޖެހި ބޯޅަ މަތަކުރީ ވިލަރެއާލް ގޯލްކީޕަރު ރުލީއެވެ.
ދެވަނަ ލެގު އޮންނާނީ އަންނަ ތިންވަނަ ވާ އަންގާރަ ދުވަހުގެ ރޭގައެވެ. އެ މެޗު އޮންނާނީ ސްޕެއިންގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު