ތ. ތިމަރަފުށި މަދަރުސާ ގޮއްވާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު ބޭސް ފަރުވާއަށް ގޭ ބަންދަށް ދޫކުރުމުން، ހަރަކަށި ފިކުރުގެ މީހުންނާ ބައްދަލުކުރާތީ ޖަލަށް ބަންދަށް ބަދަލުކުރުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ބޭސް ފަރުވާއަށް ގޭ ބަންދަށް މުނީޒް ބަދަލުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ ދައުލަތުގެ ފަރާތުން އެގޮތަށް އެދިގެންނެވެ. ދައުލަތުން އެގޮތަށް އެދިފައިވަނީ، މުނީޒްގެ ބޮޑީ ޗެކަޕެއް ހެދި އިރު، ފުރާނައަށް ނުރައްކާވާ މިންވަރަށް ޕޮޓޭޝިއަމް މަދުވެފައިވާކަން ފާހަގަކުރެވުމުންނާއި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި، ފަރުވާ ދީފައިވުމުންނެވެ. މުނީޒަށް ދާއިމީ ގޮތެއްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ ދައުލަތުން ވިދާޅުވެފައިވެއެވެ،

އެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަމުރުކުރީ މާލެއިން ބޭރަށް ނުދެވޭގޮތަށް މުނީޒް ބަންދުން ދޫކޮށްލުމަށެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ބޭނުންކޮށްގެން އެރަށު ސްކޫލު ގޮއްވާލަން އުޅޭ ކަމުގެ އިންޓެލް މައުލޫމާތު ލިބިގެން މިދިޔަ ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މުނީޒާއެކު ޖުމުލަ އަށް މީހަކު ހައްޔަރުކުރިއެވެ.

ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ވެސް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވެއެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް އެ މީހުނަށް ކުރެއެވެ.

އެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށާއި ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރިކަން ފޯނުގެ މެސެޖުތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
  • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމަކީ މުނީޒު އަނބުރާ ޖަލަށްލުމަށް ގުޅޭގޮތުން ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުންނާ ބައްދަލު ނުކުރުން ޝަރުތުކޮށްފައި އޮތް އިރު، އެފަދަ ބައެއް މީހުންނާ މުނީޒު ބައްދަލުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ، ގެއިން ބޭރަށް ނުކުންނަން ވަކި ވަގުތުތަކެއް ޝަރީއަތުން ދީފައި އޮތް ނަމަވެސް އެ ވަގުތުތަކުގެ އިތުރަށް ވެސް އޭނާ ގެއިން ބޭރަށް ނުކުމެ އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އެގޮތަށް މާގިނައިން ގެއިން ބޭރަށް ނުކުމެ ހަރަކާތްތެރިކޮށް އުޅެވޭނީ ކުރިން ބަޔާންކޮށްފައިވާ ސިއްހީ މައްސަލަތައް މިހާރު ނެތުމުން ކަމަށާއި ހައި ކޯޓުން މިފަހުން ކުރި ހުކުމެއްގައި ވަނީ ބޭސް ފަރުވާއަށް ދޫކޮށްލަންވާނީ ފުރާނައަށް ގެއްލުންވާ ވަރުގެ ކަމެއް އޮތުމުންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ގުޅިގެން މުނީޒް ވިދާޅުވީ، ދައުލަތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި ޝަރުތުކޮށްފައިވާ ގަޑިތައް ނޫން ގަޑިތަކުގައި ބޭރަށްދަނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް)ގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނާ ބައްދަލު ކުރާ ކަމަށް ދައުލަތުން ދެއްކި ވާހަކައަކީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަމަށް މުނީޒް ބުންޏެވެ.

މުނީޒް ދެއްކި ވާހަކަތަކަށާއި ދައުލަތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އަމުރުކުރީ، ފުރާނައަށް ނުރައްކާވާ ވަރަށް މުނީޒުގެ ސިއްހީ ހާލަތު މިހާރު ގޯސް ނޫންކަން އެނގޭތީއާއި ޝަރުތުތަކާ ހިލާފު ވަމުންދާ ކަމަށް ބެލެވެމުންދާތީ، ޝަރީއަތް ނިމެންދެން މުނީޒް ބަންދުކުރަން ނިންމާ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ހައި ކޯޓުން ވަނީ ތިމަރުފުށި މަދަރުސާ ގޮއްވާލަން އުޅުނު މައްސަލައިގެ ހެކިތައް ސިއްރުނުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފައެވެ.