ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ސައުދީ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ސައޫދީން މި އަހަރު ފުރުސަތު ދޭނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 85 ޕަސެންޓް ހާއްސަކޮށްފައި ވަނީ ބޭރު ގައުމުތަކަށެވެ.
މި އަހަރު ހައްޖު މޫސުމުގައި ގައުމުތަކަށް ކޯޓާ ދޭ އަދަދު މިހާރު ހާމަކޮށްފައިވާ އިރު، ރާއްޖެއަށް ލިބެނީ 453 ފުރުސަތެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބޭ ފަހަރެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހު "ވަން" އަށް މިއަދު ވިދާޅުވީ، މިއަހަރު ހައްޖު ކޯޓާ ލިބޭނީ މީގެ ކުރިން ކޯޓާ ދިން އަދަދުގެ 45 ޕަސެންޓު ދަށްކޮށް ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ދޫކުރަނީ ކިތައް ކޯޓާ ކަމެއް ރަސްމީކޮށް އަންގާފައިނުވާ ކަމަށް ވިދާޅުވިއެވެ.
އަފްރާހު ވިދާޅުވީ، ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތިން އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ކޯޓާ އިތުރުކުރުމަށް ސައުދީ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށްވެސް ސައުދީ ސަރުކާރުގެ އިސްވެރިންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"ރައީސް އިސްވެ ހުންނަވައިގެން ހައްޖު ކޯޓާ އިތުރުކުރުމަށް އަންނަނީ މަޝްވަރާ ކުރަމުން. އެމަނިކުފާނުވެސް އެބަ މަސައްކަތް ކުރައްވާ ސައުދީ ސަރުކާރުގެ ބޭފުޅުންނާއި މަޝްވަރާކޮށްގެން ކޯޓާ އިތުރުކުރެވޭތޯ. ސީދާ އަދަދެއް އަދި ނޭނގެ. އެކަމަކު އުއްމީދަކީ ވީހާވެސް ގިނައިން ކޯޓާ ލިބުން،" އަފްރާހް ވިދާޅުވިއެވެ.
ރާއްޖެއަށް އާންމުކޮށް ކޮންމެ އަހަރަކުވެސް 1،000 ހައްޖު ކޯޓާ ލިބެއެވެ. އަދި ބައެއް އަހަރުތަކުގައި އިތުރަށް 1،000 ކޯޓާވެސް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު