ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވައިގެ މަގުން އެތެރެކުރި އެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު މާލޭ ސޯޝަން މަގުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޑެލިވަރީ ކޮންޓްރޯލް އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ސޯޝަން މަގު ޕިކަޕެއް ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

އެ އޮޕަރޭޝަންގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަންގުލަދޭޝްގެ ދެ މީހުން ކަމަށްވާ މުހައްމަދު ބުރުހާނުއްދީން އާއި އަބްދުއްރަހުމާންގެ އިތުރުން ކ. ހިއްމަފުށީ ސީސަންގެ އަބްދުﷲ އަހްތަރު އަދި ގ. ބްރައިޓްސްޓާ މުހައްމަދު އިމްއާން ޝަމީލުއެވެ.

މާޗު މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ އިމްއާންއަށް ހަތް ދުވަހުގެ މުއްދަތަށް އަދި އަހްތަރަށް 15 ދުވަހުގެ ބަންދު ކުރުމަށެވެ. އެ އަޑުއެހުމުގައި އިމްއާން ބުނެފައިވަނީ، ސޯސަންމަގުން ފުލުހުން އޭނާ ހައްޔަރު ކުރީ، އެތަނާ ކައިރީގައި ހުރި ގެއެއްގެ މީހަކާ ބައްދަލުކުރަން ގޮސް ހިނގަ ހިނގައި ހުއްޓާ ކަމަށެވެ. އަހްތަރު ބުނެފައިވަނީ ހަމަ އެ ސަރަހައްދުން އޭނާ ހައްޔަރުކުރީ މަގުމަތީގައި ހުއްޓިގެން ހުއްޓައި ކަމަށެވެ.

ނަމަވެސް ޑްރަގް ނެޓްވޯކުގެ ތެރޭގައި، އެ ދެމީހުންގެ މަސައްކަތް ހުރިގޮތް ތަފުސީލްކޮށް، ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓެއް ކޯޓަށް ހުށަހަޅައިފައެވެ. ބަންދުގެ މުއްދަތު އިތުރުކޮށްދިނީ އެ ރިޕޯޓަށް ރިއާޔަތްކޮށެވެ. ދެ ބިދޭސީންގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އެ އަޑުއެހުމުގައި ކޯޓުން ވަނީ އެ މީހުން ދޫކޮށްލައިފައެވެ.

ފުލުހުން މިއަދު އިމްއާން އާއި އަހްތަރު ކޯޓަށް ހާޒިރުކުރިއިރު އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެހެންވެ ކޯޓުން ވަނީ އެ ދެ މީހުން ބަންދުން ދޫކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށާއި އެ ދެ މީހުންނަށް ކުރެވޭ ކުށުގެ ތުހުމަތު ތަހުގީގުކުރަމުންދާ ކަމަށެވެ. ބަންދުގެ މުއްދަތު ހަމަވިފަހުން އެމީހުން ކޯޓަށް ހާޒިރުކުރި ސަބަބު އެހުމުން، އެ ސުވާލަށް ޖަވާބުދީފައެއްނުވެއެވެ.