އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާގައި، "އައި ވިލް ހަންޓް ހާ ޑައުން" އޭ ބުނެ ލަމްހާ މާވިންއަށް މެސެޖު ކޮށްފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތީ، ލަމްހާގެ މައްޗަށް ކުރާ ދައުވާތައް އިއްވުމެވެ.

މި މައްސަލައިގައި މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބުދުއްރަހުމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

ނަމަވެސް މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އެގޮތުން މިއަދު ކުރިމިނަލް ކޯޓުގައި އޮތީ ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެވެ.

ލަމްހާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މޭރީ މަރުވެފައިވަނީ އަމިއްލައަށް ކަން ދެއްކުމަށްޓަކައި "ސީނެއް" ކްރިއޭޓް ކުރުމަށް ލަމްހާ މަސައްކަތް ކޮށްފައިވާކަމަށެވެ. އެކަމާގުޅިގެން ލަމްހާ އެ ގެޔަށް ގޮސް ސީނެއް ކްރިއޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުން ބުނަނީ، ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންތޯ ދިފާއީ ވަކީލުން ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ މޭރީ މަރާލުމަށް ލަމްހާ ރޭވިކަމުގެ ވާހަކައަކީ، ހަރުދަނާ ހެއްކާއި ގަރީނާއާއެކު ދައުލަތުން ދައްކާ ވާހަކައެއް ކަމަށެވެ. މޯބައިލް ފޮރެންސިކް ރިޕޯޓުތަކުން އެކަން އެނގެން އޮތްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ދީފައިވާ ކަމަށެވެ. ލަމްހާގެ ގެއިން ފެނިފައިވާ ތަކެތިން އެކަމަށް ބާރު ލިބިދޭކަމަށް ވެސް ވިދާޅުވިއެވެ. އަދި މޭރީގެ މަރުގެ ދިސާއަށްފަހު ލަމްހާ އެ ގެއިން ނުކުމެގެންދާއިރު، ފިންގާ ޕްރިންޓް ފޮރުވަން ޓީޝާޓުގެ ބޭނުންކުރާކަން ވެސް ދައުލަތުން ފާހަގަ ކުރިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެފަދަ ހާދިސާއެއްގައި މައުސޫމު މީހަކު އެގޮތަށް ކަން ކުރަންވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ދަައުލަތުން ބުނީ، ލަމްހާ މޭރީ މަރާލުމުގައި ބައިވެރިވުމުގެ މޯޓިވްއަކީ، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމެވެ.

"އައި ވިލް ހަންޓް ހާ ޑައުން" އޭ ބުނެ ލަމްހާ ވަނީ މާވިންއަށް މެސެޖު ކޮށްފައި ކަމަށާއި، އެއީ އިންޒާރު ދިނުމަށް އޭނާ ކޮށްފައިވާ ކަމެއްކަން ވެސް ދައުލަތުން ފާހަގަކުރިއެވެ.

ލަމްހާގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.