ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމުުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ މައްސަލައަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވި މައްސަލައެކެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް އިއްވުމަށްފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ. ފަނޑިޔާރުން ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމާނީ އެ މައްސަލަ ކޮމިޓީން ދިރާސާ ކޮށް، އެކަމާބެހޭ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް، ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި، އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް، އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.
އެ ކަމާގުޅިގެން ޖޭއެސްސީން ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ.
ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވި ވަކި ސަބަބެއް ޖޭއެސްސީން ނުބުނެއެވެ.
ސަމީރު އިސްތިއުފާ ހުށަހެޅުއްވިރު، އޭނާ ހުންނެވީ އުމްރާއަށް ވަޑައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސަމީރަކީވެސް ފްލެޓް މައްސަލައިގައި ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އެ ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށްފައެވެ.
ފަނޑިޔާރު ރައޫފް ވަނީ މީގެ ކުރިން ޖޭއެސްސީ މެންބަރުކަންވެސް ކުރައްވައިފައެވެ. އަދި ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކީވެސް ރައޫފެވެ.
ޚަބަރު
ޚަބަރު
ޚަބަރު