ފްރާންސް ލީގު ތަށި ޕީއެސްޖީން ރޭ ޔަގީން ކުރި ނަމަވެސް އަނެއްކާވެސް ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ދައްކާލައިފިއެވެ.
ޕީއެސްޖީން ރޭ ލީގު ޔަގީންކުރީ ހޯމްގައި ލެންސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެންނެވެ. މެޗު 1-1 އިން އެއްވަރުވި އިރު، މެޗުގެ ފަހު ހާފުގެ ބޮޑު ބައެއް ލެންސުން ކުޅުނީ ކުޅުންތެރިޔަކު މަދު ކޮށެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައި ލެންސްގެ ކެވިން ޑަންސޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލު ޖެހީ ލިއޮނަލް މެސީއެވެ. އެ ގޯލަކީ ނޭމާގެ ޕާހަކުން އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް މެސީ އަމާޒު ކޮށްލި ބޯޅައެކެވެ. ލެންސުން މެޗުގެ ފަހު ކޮޅުގައި އެއްވަރު ކުރީ ކޮރެންޓިން ޖީންގެ ގޯލުންނެވެ.
ލީގުގައި ޕީއެސްޖީއަށް ބާކީ ހަތަރު މެޗު އޮތް ނަމަވެސް، ރޭގެ މެޗާއެކު އެޓީމަށް ލިބުނު 78 ޕޮއިންޓުން ލީގު ވަނީ ޔަގީން ވެފައެވެ. މިއީ ޕީއެސްޖީން ލީގު ހޯދި 10 ވަނަ ފަހަރެވެ. ރޭގެ މެޗުން ލީގު ޔަގީންކޮށް، ޕީއެސްޖީން ވަނީ ފްރާންސް ލީގު އެންމެ ގިނައިން ހޯދާފައިވާ ސެއިންޓް އެޓިއާންގެ ރެކޯޑާ ހަމަކޮށްފައެވެ. އެއީ 10 ލީގު ތަށްޓާއެކު ހަދާފައިވާ ރެކޯޑެކެވެ.
ރޭ ޕީއެސްޖީން ލީގު ޔަގީން ކުރި ނަމަވެސް ސަޕޯޓަރުން ވަނީ މެޗު ނިމުމުގެ ކުރިން ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. ސަޕޯޓަރުން ކުޅުންތެރިންނާއެކު އުފާފާޅުކުރުމުގެ ބަދަލުގައި އުފާފާޅުކުރީ މަގުތަކުގައެވެ.
މި ސީޒަނަށް ބޮޑެތި ޓްރާންސްފާތަކަކާއެކު ތައްޔާރުވި ޕީއެސްޖީގެ ސަޕޯޓަރުން މާޔޫސްވެފައި ވަނީ އެ ޓީމުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރެއާލް މެޑްރިޑް އަތުން ކަޓައިގެން ދިޔަ ގޮތުގެ ސަބަބުންނެވެ. މެޗަށްފަހު މައުރީޝިއޯ ޕޮޗެޓީނޯ ބުނެފައި ވަނީ ސަޕޯޓަރުންނާ ޓީމާ އޮތީ ވަރަށް ބޮޑަށް ގުޅުން ހީނަރުވެފައި ކަމަށާއި، ސަޕޯޓަރުންގެ އިތުބާރު ހޯދަން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިވަގުތު ހިތްހަމަނުޖެހުމެއްގައި ސަޕޯޓަރުން ތިބި ނަމަވެސް ލީގު ތަށްޓަށް އިހުތިރާމް ކުރުމަށް ޕޮޗެޓީނޯ ގޮވާލިއެވެ.
ޕޮޗެޓީނޯއަށް ޕީއެސްޖީގެ ފުރަތަމަ ތަށި ޔަގީންވި އިރު، އެޓީމަށް ލީގު ކަޕްވެސް ގެއްލުނީއެވެ. އެ ކަންކަމުގެ ސަބަބުން ކްލަބުގެ ލޯޔަލް ސަޕޯޓަރުންނާއި ބޯޑާއި ދެމެދުވެސް ވަނީ މައްސަލަ ގޯސްފައެވެ. ޗެމްޕިއަންސް ލީގުން ކެޓުމާއެކު އެ ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިންގެ އިސްތިއުފާއަށްވެސް ގޮވައިފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ