އިނގިރޭސި ޕްރިމިއާ ލީގު

ރޮނާލްޑޯ 100 ގޯލު ހަމަކުރި މެޗުގައި ޔުނައިޓެޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އާސެނަލްއިން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އެމިރޭޓްސް ދަނޑުގައި މިއަދު ކުޅުނު މެޗު ފެނިގެން ދިޔައީ ފޯރިގަދަ ކޮށެވެ. ޝައުގުވެރި ކުރުވަނިވި މެޗަށް ދެޓީމުވެސް ނުކުތީ ގަދަ ހަތަރެއްގެ އުންމީދެއް ހޯދުމަށެވެ. އާސެނަލްއިން ނުކުތީ ނިމިދިޔަ ހަފުތާ ތެރޭގައި ޗެލްސީ ބަލިކޮށް، އެ ރޫހު ދެމެހެއްޓުމަށެވެ. އަނެއްކޮޅުން ޔުނައިޓެޑް ނުކުތީ މިދިޔަ ހަފުތާ ތެރޭ ލިވަޕޫލް އަތުން 4-0 އިން ބަލިވި ބަލިވުން ހަނދާން ނައްތައިލުމަށެވެ.

މިރޭގެ މެޗަށް ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުމެފައިވެއެވެ. ރޮނާލްޑޯ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައި ވަނީ އާއިލާއަށް ވަގުތު ދިނުމަށްފަހުއެވެ. މިދިޔަ ހަފުތާގެ މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވަނީ އޭނާގެ ލޯބިވެރިޔާއަށް ލިބުނު އެއް މާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވުމުގެ ސަބަބުން އެކަމުގެ ހިތާމައިގައެވެ.

މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން އަތުން ހެދުނު ގޯހަކުން އާސެނަލްއިން ލީޑު ނެގިއެވެ. އާސެނަލްއަށް ލީޑު ނަގައިދިނީ ނޫނޯ ޓަވަރޭޒްއެވެ. އެ ގޯލަށްފަހުވެސް އާސެނަލްއިން ރަނގަޅަށް އެޓޭކް ދެމެހެއްޓިއެވެ. މާޓިން އޮޑެގާޑާއި އެޑްވާޑް އެންކެއިޓާގެ ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކޮށް ބޭރުކޮށްލި އިރު، އާސެނަލްއިން ލީޑު ފުޅާކުރީ ޕެނަލްޓީއެއް ގައެވެ.

އެލެކްސް ޓެލާސް އޭރިއާ ތެރެއިން އާސެނަލްގެ ބުކަޔޯ ސަކާއަށް ކުރި ފައުލްގެ ސަބަބުން ދިން ޕެނަލްޓީ ގޯލަށް ވައްދާލީވެސް ސަކާއެވެ.

ޔުނައިޓެޑުން އޭގެ ދެ މިނެޓް ފަހުން ގޯލެއް ޖެހިއެވެ. ނެމެންޖާ މަޓިޗް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ގޯލު ރޮނާލްޑޯ ޖެހި އިރު، އޭނާގެ އެ ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 100 ވަނަ ގޯލެވެ. ރޮނާލްޑޯ މިއަދުގެ މެޗުގައި ޖެހި ގޯލަށްފަހު އޭނާ އުފާފާޅުކުރީ މަރުވި ދަރިފުޅަށް ގޯލު ހާއްސަކޮށްގެންނެވެ.

މެޗުގެ ފަހު ހާފަށް ނުކުމެ ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް، ހަމަލާތައް އިތުރުވެސް ކުރިއެވެ. ޑިއޭގޯ ޑަލޮޓްގެ ދެ ހަމަލާއެއް ފެނިގެން ދިޔަ އިރު، އޭނާގެ ދެ ހަމަލާއެއްވެސް އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. އަދި ޔުނައިޓެޑަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއްވެސް ލިބި ބޭކާރު ވެފައެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއްގައި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.

އެ ޕެނަލްޓީ ނާކާމިޔާބުވެ، މާ ގިނައިރެއް ނުވަނީސް އާސެނަލްއިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ ގްރަނިޓް ޒަކާ ދުރުން ޖެހި ހިތްގައިމު ގޯލާ އެކުއެވެ.

އާސެނަލް މިވަގުތު ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ފަސްވަނައިގައި އޮތް އިރު، އެޓީމަށް 32 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. ޔުނައިޓެޑް ހަވަނައިގައި އޮތީ 34 މެޗުން 54 ޕޮއިންޓާ އެކުގައެވެ.