ސަރުކާރުގެ ނުފޫޒުންނާއި ވާދަވެރިންގެ ނުރަނގަޅު އެޖެންޑާތަކުގެ ސަބަބުން އިންތިހާބުތަކުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ނަޒީމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ އަމިނަތު ޝީޒާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ނިމިދިޔަ ހުރިހާ ވެރިކަމެއްގައިވެސް ވިލިމާލެ ދާއިރާ ވަނީ ބޭކާރު ކޮށްލާފައި ކަމަށާއި މި ސަރުކާރުން ވިލިމާލެއަށް ވެފައިވާ ވައުދުތައް ވެސް ފުއްދަމުން ނުދާ ކަމަށެވެ. އަދި އިންތިހާބުތަކަށް ސަރުކާރުގެ ނުފޫޒާއި ވާދަވެރިންގެ ނުރަނގަޅު އެޖެންޑާތައް އޮންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"އެމްއެންޕީ އުފެއްދީ ރައްޔިތުންނަށް ހިދުމަތްކުރަން. އެމްއެންޕީން އިންތިހާބުތަކުގައި ވާދަކުރަނީވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދަން. ނަމަވެސް މިހާތަނަށް އެފުރުސަތު ލިބިފައިނުވަނީ ސަރުކާރުގެ ނުފޫޒުންނާއި ވާދަވެރި ފަރާތްތަކުގެ ނުރަނގަޅު އެޖެންޑާތަކުގެ ސަބަބުން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުން ވިލިމާލެ ދާއިރާއަށް ވެފައިވާ ވައުދުތައް ނުފުއްދައިގެން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އުސާމް އެތައް މަސައްކަތެއް ކުރައްވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް ތެރޭގައި ވެސް އެކަމަށް ވަކާލާތުކުރައްވާ ކަމަށެވެ.
"މިތަނުގެ އިއްޒަތެރި މެމްބަރު ވަރަށް ގިނަ އެކިއެކި ދޮރުފަހަރުގައި ޓަކި ޖަހައި މަސައްކަތްކުރާތަން އަޅުގަނޑު ދެކެން. އަދި މަޖިލީހުގައި އެކަމަށް ހަގީގަތުގައި ވަކާލާތުކުރައްވާ. އެހެންނަމަވެސް ބޮޑެތި ބަދަލުތަކެއް މިތަނަކުން ނުފެނޭ. މިތަނަށް މެމްބަރަކަށް ކޮށްދެވޭނެ ކަމަކީ މިތަނުގެ ހައްގުގައި ވަކާލާތު ކޮށްދެއްވުން. އެކަމުގައި ވަކާލާތު އެބަކުރެވޭ. އެހެންނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އިޖާބައެއް ދީފައިވާކަން އަޅުގަނޑުމެންނަށް ނުފެނޭ، ވަރަށް ކުދިކުދި ކަންކަން ހިނގަމުންދާތަން މިފެންނަނީ. އެހެންނަމަވެސް މިއާ ހިލާފަށް އެހެނިހެން ތަންތަނުގައި މާގިނަ ހަރަކާތްތައް ހިންގޭ،" ނާޒިމް ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ގޮނޑިއަށް ވާދަކުރަނީ އެމްއެންޕީގެ އިތުރުން ޕީޕީއެމްއެވެ. އެމްޑީޕީން ވެސް އިންތިހާބުގައި ވާދަކުރުމަށް މަސައްކަތްކުރި ނަމަވެސް، ކުރިމަތިލުމުގެ ވަގުތު ހަމަވުމުގެ ކުރިން ފޯމު ހުށަހެޅިފައެއް ނުވެއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު