ޚަބަރު

ގަރާރަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަންޏެއް ނުކުރެވޭނެ: އަލީ ހުސެއިން

މުހައްމަދު އިޝާން

ރާއްޖޭގެ ގާނޫނޫ އަސާސީން ލިބިދޭ ހައްގެއް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ހަނި ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައެޅުމާ ގުޅިގެން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.

ގަރާރުގައި ރައީސް ސޯލިހު ވިދާޅުވީ، އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ގަރާރުގައި އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ސޯލިހުގެ އެ ގަރާރާ ގުޅިގެން އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގަރާރަކުން ހަނިނުކުރެވޭނެ ކަމަށެވެ.

ގަރާރާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވެސް މިރޭ ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ރައީސް ސޯލިހު މިއަދު ނެރުނު ގަރާރަކީ ގާނޫނާހިލާފު ގަރާރެއް ކަމަށާއި އެ ގަރާރު ތަންފީޒުކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ރައީސް ސޯލިހުގެ އެ ގަރާރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ވަނީ މާލޭގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާ ނައްޓައިފައެވެ. ބެނާ ހަރުކުރި ގެތަކުގެ ތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭނު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހިވެސް ހިމެނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސޯލިހުގެ އެ ގަރާރަކީ ބާތިލު ގަރާރެއްކަމަށް ކަނޑައަޅައި ދިނުމަށްޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.