މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑުން އާ ކޯޗު ޓެން ހާގު އިއުލާންކޮށްފި

މިވަގުތު ނެދަލޭންޑްސް ލީގުގެ އަޔެކްސްގައި ހުރި ކޯޗު އެރިކް ޓެން ހާގް، މިސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާނެ ކަމަށް ކްލަބުން ޔަގީންކޮށްދީފިއެވެ.

ޔުނައިޓެޑާއެކު ޓެން ހާގު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންވެސް ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ތަފްސީލުތައް ނުނިމޭތީ ޔުނައިޓެޑުން ޓެން ހާގު އިއުލާން ކުރުން ފަސްކޮށްލީއެވެ.

މިއަދު ޔުނައިޓެޑުން ޓެން ހާގު ގެންދާނެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، އެއްބަސްވެފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށެވެ. އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރަށްފަހު ޔުނައިޓެޑުން ބޭނުންވާނަމަ، އިތުރު އެއްވެސް ވާހަކަތަކަކާ ނުލައި، އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރެވިދާނެއެވެ.

މި ސީޒަންގެ ތެރޭގައި ޔުނައިޓެޑުގެ ކޯޗުކަމާ ކުރިން ހަވާލުވެ ހުރި ކްލަބު ލެޖެންޑް އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ވަކިކޮށްފައިވާ އިރު، އޭގެ ފަހުން ސީޒަން ނިމެންދެން ކްލަބުގެ ކޯޗުކަން ހަވާލުކުރީ ރާފް ރަންގްނިކާއެވެ. ރާފްއަކީ ދުރު ރާސްތާ ޕްލޭނަކަށް ގެންދިޔަ ޓެކްނިކަލް އެޑްވައިޒަރެއް ކަމަށް ޔުނައިޓެޑުން ކުރިންވެސް ބުނެފައިވެއެވެ. ސީޒަނަށްފަހު އޭނާ ދެން މަސައްކަތް ކުރާނީ ކްލަބުގެ ކާމިޔާބީއަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވައިލުމަށެވެ.

އުމުރުން 52 އަހަރު ޓެން ހާގް އަޔެކްސްއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް ޔުނައިޓެޑަށް ދާން ނިންމީ ދެފަރާތް އެއްބަސްވެގެންނެވެ. އަޔެކްސްއާއެކު 2019، 2021 ވަނަ އަހަރު ޑަޗް ލީގު ހޯދައި، އެ ކްލަބާއެކު 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ ކޯޗު، ޓެން ހާގަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ އިތުބާރު އޮތް މޮޅު ކޯޗެވެ. ހާއްސަކޮށް ނެދަލޭންޑްސްގެ ސްޓައިލަށް، އެޓޭކިން ގޭމެއް ކުޅުވުމަށް ޓެން ހާގަކީ އެންމެ ގާބިލު އެއް ކޯޗެވެ.

ޓެން ހާގަކީ އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން އެ ކްލަބުގެ ކޯޗުކަން ދާއިމީކޮށް ހަވާލުކުރި ފަސްވަނަ ކޯޗެވެ.