މައްސަލަ އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރުގެ ތެރޭގައި ދައުލަތުން އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ބުނެ، ޕާކިސްތާނު ތިން މީހަކު ރާއްޖެ ގެނައި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ދިވެއްސަކު ބަންދުން ދޫކުރި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތުންތަކެއް ކަމަށްވާ މުނީރު އަޒީޒާއި މުހައްމަދު ޔާސީނާއި ބުސްރާ އަނީސްއާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގދ. މަޑަވެލި، ގާޑްނިން، އަފްޒާމް އަބްދުއްސައްތާރު ހައްޔަރުކޮށް އޭނާގެ ބަންދާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރިއެވެ. ނަމަވެސް އެންމެ ފަހުން އިތުރުކޮށްދިން ބަންދުގެ މުއްދަތު ހަމަވާތީ، އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދި މިދިޔަ މަހުގެ 21 ގައި ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އިތުރަށް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރިއެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އަމުރު ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އަފްޒާމްގެ ދިފާއީ ވަކީލު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށާއި އެހެންކަމުން އެއީ ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ހައިކޯޓުގެ ތިން ފަންޑިޔާރުންގެ ބެންޗުން މި މައްސަލަ ބެއްލުވުމަށްފަހު އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދުކުރައްވައިގެން މިމަހުގެ ދިހަވަނަ ދުވަހު ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އަފްޒާމް ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހުގެ 21 ވީ ހޯމަ ދުވަހުގެ ހަވީރު 4:20 ގައި ކަމަށެވެ. އަދި އެއީ ރަސްމީ މަސައްކަތު ދުވަހެއް ކަމަށާއި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ އެ އަމުރު ނެރުނުތާ 48 ގަޑިއިރު ފާއިތުވި ފަހުން މިދިޔަ މަހުގެ 24 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:10 ގައި ކަމަށެވެ.

"މިދެމަދަށް ރަސްމީ ބަންދު ދުވަހެއް އައިސްފައެއް ނުވޭ. ދައުލަތުން މި ކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށް. އިސްތިއުނާފަށް ހުށަހެޅުމުގައި، ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެނޫންވެސް މައްސަލައެއް ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަގުބޫލު ސަބަބެއް އޮތްކަމަށް ދައުލަތުން ހުށަހަޅާފައި ނުވޭ،" ހައިކޯޓުގެ ނިންމުމުގައިވެއެވެ.

އެހެންކަމުން، މި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމަވާފައިވަނީ، އެ މައްސަލަ ހުށަހެޅީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔެވެ. ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގައި އިސްތިއުނާފުގެ މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައިވަނީ އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ކަމަށާއި، މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕީޖީގެ ފަރާތުން ހައި ކޯޓުގެ އެހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރީ، ހައި ކޯޓުން އިސްތިއުނާފީ ދުވަސްތައް ގުނާފައިވަނީ ޖިނާއީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ޝަރީއަތްކުރުމުގެ ހަމަތަކާއި މާނަ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ދައުލަތުން ވިދާޅުވީ، ހައި ކޯޓުން ހުކުމްކޮށްފައިވަނީ ދެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށްކަމަށް ވުމުން، އެ ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރި އަމުރުވެސް ބާތިލުވާނެ ކަމަށެވެ.

ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ހައި ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި ދައުލަތުން މިހާރު މަސައްކަތް ކުރަނީ ހެދިފައިވާ ގޯހެއް އިސްލާހުކުރުމުގެ ބޭނުމުގައި އޮޅުވާލަން ކަމަށެވެ. ހަމްޒާގެ ފަރާތުން އެދިފައިވަނީ ހައި ކޯޓުގެ އަމުރަށް ބަދަލެއް ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު، އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.