އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާމިންދިޔެ (އާމިންދައްތާ)ގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހެޅި މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އުމުރުން ހަ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާ ކިޔަވަމުންދާ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އާމިންދައްތަ އެވެ.

އާމިންދައްތަ ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށްބުނެ އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި މުޒާހަރާވެސް ކުރި އެވެ. އަދި އާމިންދައްތަ އަށް ނުހައްގުން އަނިޔާދެމުންދާ ކަމަށް ބުނެ ޕެޓިޝަނެއްވެސް އައްޑޫސިޓީގެ ޒުވާނުންތަކެއް ވަނީ އެކި މުއައްސަސާތަކަށް ހުށަހަޅާފަ އެވެ.

މި ޕެޓިޝަނާއި ގުޅިގެން އެޗްއާރުސީއެމުން ރޭ ނުރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހައްގުތައް ހޯދައިދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތްތައް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއާއި ފުލުހުން އަމަލުކުރާގޮތް ވަރަށް ގާތުން ބަލަމުން އަންނަކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން އާމިންދައްތަ އާއި އޭނާއަށް މާމަކިޔާ ތިން ކުދިންގެ ހާލަތު ބަލާފައިވާ ކަމަށާއި އަދި ޖެންޑާ މިނިސްޓްރީން ވެސް އެ ތިން ކުދިންގެ ހާލަތު ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އާމިންދައްތަ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ނިންމުމުން އޭނާގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައިކޯޓުންވެސް އިއްޔެ ނިންމީ އާމިންދައްތަ ބަންދު ކުރަން ހިތަދޫ ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމެއް ކަމަށެވެ. އަދި ބަންދުކޮށްފައިވަނީ ހެއްކަށް ރިއާޔަތް ކޮށްގެން ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އާމިންދައްތަ މިނިވަން ކުރުމަށް ގޮވާލައި ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށާއި އެޗްއާރުސީއެމާއި ކަމާގުޅޭ އެހެން މުއައްސަސާތަކަށް ވަނީ ހުށަހަޅާފަ އެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފައިވާއިރު އެ ކޮމިޓީން އަންނަނީ މި މައްސަލަ ބަލަމުންނެވެ.

އާމިންދައްތަގެ އާއިލާގެ މީހުންނާއި މި މައްސަލަ އާއި ގުޅިގެން އިހުތިޖާޖު ކުރި ގިނަ މީހުން ބުނަމުންދިޔައީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ކާފަ ކަމަށެވެ.