ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
އާޒިމާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވިދާޅުވެފައިވަނީ، ކުރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު އާޒިމާއަށް ލިބިގެންނުވާ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން އާޒިމާގެ ދިފާއީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވެފައިވަނީ، ކުރިމިނަލް ކޯޓުން އާޒިމާގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ނިންމީ ހައި ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ކަމަށާއި އެ ހުކުމަކީ ގާނޫނާހިލާފަށް ހައި ކޯޓުން ކޮށްފައިވާ ހުކުމެއްކަމަށް ނިހާޔަތު ވިދާޅުވިއެވެ.
މިއަދު އެ މައްސަލައިގައި ހައި ކޯޓުން އަމުރުކުރީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމާގެ ފަރާތުން ފާހަގަކުރި ކަންކަމަކީ ދަށު ކޯޓުން ބަލާ އަސްލު މައްސަލައިގެ ތެރެއިން ގޮތެއް ނިންމަންޖެހޭ ކަންކަން ކަމަށެވެ. އެއީ މަދަނީ މިންގަނޑުން ނިންމާ ނިންމުންތައް އިސްތިއުނާފު މަރުހަލާގައި ވަޒަން ކުރަން ޖެހޭނީ މައްސަލާގެ އެންމެ ފުނަށް ހެކި ވަޒަންކޮށްގެން ނޫންކަމަށް ވުމުން ކަމަށްވެސް ހުކުމުގައި ބުންޏެވެ.
އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން އަމުރުކުރީ ދެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އާޒިމާ ހުށަހެޅުއްވި އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ދައުލަތުން ނަގާފައިވާ އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެހެންވެ، ކުރިމިނަލް ކޯޓުގެ ނިންމުމުގެ ސައްހަކަމާ މެދު ފަނޑިޔާރު ޝަފީއު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ދައުލަތުން އިޖުރާއީ ނުކުތާއެއް ނެގީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ކުރީގެ ނިންމުމެއްގައި އޮތުމުންނެވެ.
ފަނޑިޔާރު ޝަފީއު ވިދާޅުވީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެތީ އެ މައްސަލަ ބޭރުކޮށްލަންޖެހޭ ކަމަށެވެ. އެއީ ގާނޫނު އޮތްގޮތުން އިސްތިއުނާފު ކުރެވޭނީ ހުކުމްތަކާއި އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އެކަނި ކަމަށްވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު