ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެވެ.

ޖޭއެސްސީން މިރޭ ބުނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރު އަބްދުއްރައޫފް އަދި ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ 28 ވަނަ ބައްދަލުވުމުގައެވެ.

ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވި ވަކި ސަބަބެއް ޖޭއެސްސީން ނުބުނެއެވެ.

ސަމީރު އިސްތިއުފާ ހުށަހެޅުއްވިރު، އޭނާ ހުންނެވީ އުމްރާއަށް ވަޑައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަމީރަކީވެސް ފްލެޓް މައްސަލައިގައި ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އެ ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށްފައެވެ.

ފަނޑިޔާރު ރައޫފް ވަނީ މީގެ ކުރިން ޖޭއެސްސީ މެމްބަރުކަންވެސް ކުރައްވައިފައެވެ. އަދި ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކީވެސް ރައޫފްއެވެ.