ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ދެ ސްކޫލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ބިން ދީފި

ހުޅުމާލެ ފޭސް ދޭއްގައި ދެ ސުކޫލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ބިން ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ (އެޗްޑީސީ) ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރި ދެ ބިމުގެ ތެރެއިން 60720.88 އަކަފޫޓުގެ ޕްލޮޓް N5-32ގައި އަޅަނީ 1،200 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަދި 65534.61 އަކަފޫޓުގެ ޕްލޮޓް N4-23 ގައި އަޅާނީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

އަމީން ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި މިހާރުވެސް ދަނީ ދެ ސްކޫލެއް އަޅަމުންނެވެ. އަދި މިއަހަރުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ތެރޭގައި ފޭސް ދޭއްގައި ހަތަރު ސްކޫލެއް އަޅަން ފަށާނެއެވެ.

އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިންޓަނޭޝަނަލް ސްކޫލެއް ހަދަން އައިލެންޑާސް އެޑިއުކޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފޭސް ދޭއްގައި ދެ ޕްރީ ސްކޫލެއްވެސް ދަނީ އަޅަމުންނެވެ.