އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، ހައްޔަރުކުރި 59 އަހަރުގެ އަންހެންމީހާ (އައިމިނަތުދިޔަ) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން، އައްޑޫސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ބަދަލު ނުގެންނަން ހައިކޯޓުން ދެންމެ ނިންމައިފިއެވެ.
ސްކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައެއްގައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު އައްޑޫ ސީޓީ ހިތަދޫން ހައްޔަރުކުރި މީހާއަކީ ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
އެ އަންހެން މީހާ ބަންދުގައި ބަހައްޓާފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައެވެ.
ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްކޮށްފައި ކަމަށް އެމީހާގެ އާއިލާ މީހުންނާއި އިތުރު ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.
އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށްވެސް ހުށަހަޅައިފައެވެ. އަދި އެ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. މީގެ އިތުރުން އެ މައްސަލައިގައި އަންހެންމީހާ ދޫކޮށްލުމަށް އެދި ގިނަ ބަޔަކު އަންނަނީ ޕެޓިޝަނެއްގައިވެސް ސޮއިކުރަމުންނެވެ.
އެ މައްސަލައިގެ ތުހުމަތުގައި އަހެންމީހާ ބަންދުކޮށްފައިވަނީ ގޯސްކޮށް ކަމަށްބުނެ އެމީހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްހު، ހުކުމް އިއްވަވަމުން ހައިކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ، މި މައްސަލައިގެ ހެކިތަކަށް ބަލައި އެ އަންހެންމީހާ ބަންދުކޮށްފައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ، ކުޑަކުދީންނާމެދު ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގައިވާގޮތުގެ މަތިން ހެއްކަށް ރިއާޔަތް ކުރުމަށްފަހު ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބުދުﷲ ހަމީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ހުކުމް ކުރާކަމަށް އިސްފަނޑިޔާރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު