އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް، ބޮޑެތި އިމާރާތްތަކަށް ނެގުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއް، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމިއްލަފުޅު ގެކޮޅުގައި، އިންޑިއާ އައުޓް ބެނާއެއް އިއްޔެ ނަގާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއްގެ އިތުރުން، އާއްމު މަސްލަހަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ، އިންޑިއާ އައުޓް ހަރަކާތުގެ ދަށުން، ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބޮޑު ބެނާއެއް ނަގާފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ މައި އޮފީހާއި މާލެ އިތުރު ގެއެއްގައިވެސް އިންޑިއާ އައުޓްގެ ބޮޑު ބެނާއެއް ހަރުކުރިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެފަދަ ބެނާތައް ވަގުތުން ވަގުތަށް ފުލުހުން ނަގަންޖެހޭނެ ކަމަށެވެ.

މަޖިލިސް ރައީސް މި ވާހަކަތައް ދެއްކެވީ، އިންޑިއާގެ މުސްލިމުންނަށް ކުރަމުން އަންނަ އަނިޔާތައް ކުށްވެރިކޮށް އެކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ދިވެހި ސަރުކާރުން އިސްނެގުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ މެންބަރު މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުވަން ނިންމެވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ. އެ ކުއްލި މައްސަލަ މަޖިލިސް ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ އެ މައްސަލަ ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތެއް ނުދެއްވިއެވެ.