ބައެއް މީހުން ބުނެއެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގަކީ މިހާރު އިނގިރޭސި ލީގުގެ ގަދަކަން ފެންނަ ލީގެކެވެ. އެހެން އެބުނަނީ ފަހަކަށް އައިސް އިނގިރޭސި ކުލަބްތަކުން ޗެމްޕިއަންސް ލީގުގައި ދައްކަމުންދާ ކުޅުމާއި ހޯދަމުންދާ ކާމިޔާބީތަކަށް ރިއާޔަތްކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 2019 ވަނަ އަހަރު ވާދަކޮށްފައިވަނީ އިނގިރޭސި ދެ ކުލަބެވެ. ލިވަރޕޫލާއި ޓޮޓެންހަމެވެ. އަނެއްކާވެސް ހުސްވި 2021 ވަނަ އަހަރުގެ ފައިނަލްގައި ވާދަކުރީ އިނގިރޭސި ދެ ކުލަބެވެ. ޗެލްސީއާއި މެންޗެސްޓަރ ސިޓީއެވެ. މި ސިލްސިލާ މި އަހަރު އަނެއްކާވެސް ތަކުރާރު ވެދާނެއެވެ. ލިވަރޕޫލާއި މެންޗެސްޓަރ ސިޓީގެ ފައިނަލަކަށް ވެދާނެއެވެ. މިފަހަރުގެ ސެމީގައި ލިވަރޕޫލް ނުކުންނަނީ ސްޕޭނުގެ ވިޔަރެއާލާ ދެކޮޅަށެވެ. މެންޗެސްޓަރ ސިޓީ ނުކުންނަނީ ސްޕޭނުގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ލޭނާރަކީ މިހާރު ފައިސާއެވެ. އެންމެ ގިނަ އަދަދެއްގެ ފައިސާ ވަންނަ ލީގަކީ މިހާރު އިނގިރޭސި ލީގެވެ. ފައިސާގެ ތަނަވަސްކަމަށް ބަލާއިރު ސްޕޭނުގެ ލީގާއި ޖާމަނީގެ ލީގު އުޅެނީ މާބޮޑަށްވެސް ފަހަތުގައެވެ. މިކަން ޕެންޑަމިކް ކުރިމަތިވުމުގެ ކުރިން އައި އެންމެ ފަހު ސީޒަނުގެ ތަފާސް ހިސާބުތަކަށް ބަލައިލީމާވެސް ފެންނާން އެބަހުއްޓެވެ. އިނގިރޭސިވިލާތުގެ ލިވަރޕޫލަށް ލީގު ކާމިޔާބުކޮށްގެން އިނާމު ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު ޖުމްލަ 153 މިލިޔަން ޕައުންޑް ލިބިފައިވެއެވެ. އެއަހަރު ލީގުގެ ފުލަށް ގޮސްގެން ރެލިގޭޓްވި ހަޑަސްފީލްޑް ޓައުނަށްވެސް 97 މިލިޔަން ޕައުންޑް ލިބުނެވެ. އިނގިރޭސި ލީގުގެ ފުލަށް ގޮސްގެން ރެލިގޭޓްވި ކުލަބަށްވުރެ ޖާމަނީގެ ލީގު އެއަހަރު ކާމިޔާބުކުރި ބަޔާން މިއުނިކަށް އިނާމު ފައިސާ ލިބުނު މިންވަރު ދަށެވެ.

އިނގިރޭސި ލީގަކީ އެންމެ ގިނަ ފައިސާ ވަންނަ ލީގުކަމަށްވިޔަސް ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި އަހަރު އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފަސް ކުލަބުގެ ތެރެއިން އެންމެ މަތީ ތިންވަނަ ލިބެނީ އިނގިރޭސި ކުލަބްތަކަށް ނޫނެވެ. ހުރިހާ ގޮތަކުން އެންމެ ގިނަ ފައިސާ ވަދެފައިވާ ތިން ކުލަބަކީ ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ޖާމަނީގެ ބަޔާން މިއުނިކެވެ. އެ ތިން ކުލަބަކީ ދުނިޔޭގެ ފުޓްބޯޅައިގެވެސް އެންމެ ބޮޑު ތިން ބްރޭންޑެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަރޕޫލަށް ލިބެނީ ލިސްޓުގެ ހަތަރުވަނަޔާއި ފަސްވަނައެވެ. މި ލިސްޓުގެ ޓޮޕް ތިރީހުގެ ތެރެއިން 12 ކުލަބަކީ އިނގިރޭސި ކުލަބްތަކެވެ. އިނގިރޭސިވިލާތުގެ އާދައިގެ ކުލަބެއް ކަމުގައިވާ ޝެފީލް ޔުނައިޓެޑަށްވެސް އިޓަލީގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ އޭސީ މިލާނަށްވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގަކީ މިހާރު އިންވެސްޓަރުން އެންމެ ޝައުގުވެރިވާ ލީގެވެ. އިނގިރޭސި ބޮޑެތި ކުލަބްތައް ކޮންޓްރޯލް ކުރަނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނެވެ. އެހެންވީމާ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ގިނަ ތަރިން މިހާރު ކުޅެނީވެސް އިނގިރޭސި ލީގުގައެވެ. އަދި ނަން މަޝްހޫރު ގިނަ ކޯޗުން ފެންނަނީވެސް އިނގިރޭސި ކުލަބްތަކުންނެވެ. ކްލޮޕާއި ގާޑިއޯލާމެން ކަހަލަ މީހުންނެވެ. މިސަބަބުތަކާހެދި ޔޫރަޕުގައި އިނގިރޭސި ކުލަބުތަކުގެ ވިދުން މިހާރު ގަދައީއެވެ. ލިވަރޕޫލާއި ސިޓީއާއި ޗެލްސީއާއި ޔުނައިޓެޑާއި ސްޕާސްފަދަ ޓީމުތަކަކީ ބޮޑެތި ޚަޒާނާތަކެއް ފަދަ ކުލަބްތަކެވެ. އެ ކުލަބްތަކާ ކިރިޔާވެސް ވާދަކޮށްލެވެން ތިބީ އެހެނިހެން ލީގުތަކަށް ނިސްބަތްވާ ދާދި މަދު ކުލަބްތަކެކެވެ. ބަޔާނާއި ޕީއެސްޖީއާއި ބާސެލޯނާޔާއި ރެއާލް މެޑްރިޑް ކަހަލަ މަދު ޓީމުތަކެކެވެ.

މިކަންކަން މިހެން ހުރީމާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފެންނަނީ އިނގިރޭސި ކުލަބްތައް ޔޫރަޕުގެ ބޮޑު ދެ މުބާރާތުގައި ޑޮމިނޭޓްކުރާ މަންޒަރެވެ. އެ ދެމުބާރާތަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންގްލެންޑްގެ ދެ ކުލަބް ވާދަކުރާއިރު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައިވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ކުލަބް އެބައޮތެވެ. އެއީ ވެސްޓް ހޭމް ޔުނައިޓެޑާއި ރޭންޖާރޒް އެވެ. މީގެ ތެރެއިން ރޭންޖާރޒް ނިސްބަތްވަނީ ސްކޮޓްލެންޑުގެ ލީގަށެވެ. އެހެންނަމަވެސް އެއީ އިނގިރޭސިވިލާތެވެ. ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އިނގިރޭސީންނަށް އޮތީ ސްޕޭނުގެ ދެކުލަބެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސީންނަށް އޮތީ ޖާމަނީގެ ދެ ކުލަބެވެ. ފްރެންކްފަޓާއި ލައިޕްޒިގެވެ.

މިދުވަސްވަރު ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ މަތީ ގިޔަރުގައި ދުއްވާތީ ފެންނަނީ މައިގަޑުގޮތެއްގައި އިނގިރޭސި ކުލަބްތައް ކަމުގައިވިޔަސް ހޯދާފައިވާ ތަށިތަކުގެ އަދަދަށް ބެލީމާ އިނގިރޭސި ކުލަބްތައް އަދި އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. ޗެމްޕިއަންސް ލީގުގެ ތަށި ސްޕޭނުގެ ރެއާލް މެޑްރިޑް ޖުމްލަ ތޭރަ ފަހަރު އުފުލާލާފައިވާއިރު އިންގްލެންޑްގެ ލިވަރޕޫލަށް އެތަށި ކާމިޔާބު ކުރެވިފައިވަނީ އެންމެ ހަފަހަރުއެވެ. އިޓަލީގެ އޭސީ މިލާންވެސް ހަތް ފަހަރު އެތަށި ހޯދާފައިވެއެވެ. ޔޫރޮޕާ ލީގަށް ބަލާއިރު އެންމެ ކާމިޔާބު ކުލަބަކީ ސްޕޭނުގެ ސެވިއްޔާއެވެ. އެކުލަބުން ޖުމްލަ ހަ ފަހަރު ތަށި އުފުލާލާފައިވެއެވެ. އިނގިރޭސިވިލާތުގެ ލިވަރޕޫލަށް އެ މުބާރާތް ކާމިޔާބު ކުރެވިފައިވަނީ ތިންފަހަރުއެވެ. ޗެލްސީ އާއި ޓޮޓެންހަމަށް ދެފަހަރުއެވެ.