އަލަށް ރަޖިސްޓްރީވެ ހިންގަން ފަށާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދަރަނިވެރިވެގެން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއްގެ ގޮތުގައި ބެލެވޭތީ ކްލަބު ލައިސަންސިން ހޯދަން ދަތިތަކާ ކުރިމަތިވެއްޖެއެވެ.
ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމްއިންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިން މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.
އެ ކްލަބަކީ ހުދާއި ނޫ ކުލަ ރަމްޒުކޮށްދޭ ސަޕޯޓަރުން ގިނަ ކްލަބަކަށްވީ އިރު، ކްލަބުގެ ރޫހު އަލުން ގެންނަން ދާދިފަހުން ވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމުގައި އާ ކްލަބެއް އެކުލަވާލައި، ތިންވަނަ ޑިވިޝަންގައި ވާދަކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގެ ތެރޭގައި ކުރިން ނިއު ރޭޑިއަންޓްގައި މަސައްކަތްކުރި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
ރޭޑިއަންޓްގެ ކޯޗަކަށް ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައި ގިނަ އަދަދެއްގެ ކުޅުންތެރިން ކްލަބަށް ގެންގޮސް މިހާރު ވަނީ ސްކޮޑުވެސް އެކުލަވައިލައިފައެވެ. އެހިސާބަށް ކްލަބުގެ ކަންކަން ގެންދިޔަ ނަމަވެސް އެފްއޭއެމްގެ އެސޯސިއޭޓް މެންބަރަކަށްވުމަށް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ ހުރަސް އެޅިފައެވެ. އެއީ އޭއެފްސީން ރޭޑިއަންޓްގެ ކްލަބު ލައިސަންސިން މަޑު ޖައްސާލަން އެފްއޭއެމްގައި އެދުމުންނެވެ.
"އޭއެފްސީން އަންގާފައި ވަނީ ވަކި އެއްޗެއް އަންގަންދެން ރޭޑިއަންޓަށް ލައިންސަންސް ދިނުން މަޑު ޖައްސާލަން،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.
ނުލާއި ހުދުގެ ބާޒު ހިމެނޭ ލޯގޯވެސް ރޭޑިއަންޓުން ބޭނުންކުރަމުން އަންނަ އައުމާއެކު އޭއެފްސީން ބަލާފައި ވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއް ކަމަށެވެ.
"ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެންމެފަހުން އޮތް ބޯޑުގައި ހިމެނޭ ބައެއް މެންބަރުންވެސް ރޭޑިއަންޓް ބޯޑުގައި އެބަތިބި. ސޯޝަލް މީޑިއާގައި ބޭނުންކުރާ ނަމާއި ލޯގޯގެ އިތުރުން ކުލަތައްވެސް އޭއެފްސީގެ އިންޓަގްރިޓީ ކޮމެޓީން ވަނީ ބަލައި ދިރާސާ ކޮށްފައި. އެ ކަންކަމަށް ބަލައި އޭއެފްސީއަށް ބެލެވިފައި ވަނީ ފީފާ ޑިސިޕްލިނަރީ ކޯޑާއި ޕްލޭޔާ ސްޓެޓަސް ކޮމިޓީގައި ބުނާ ސްޕޯޓިން ސަކްސެސާއަކަށް ރޭޑިއަންޓް ވާނެ ކަމަށް،" ޖަވާ ވިދާޅުވިއެވެ.
ސްޕޯޓިން ސަކްސެސާއަކީ ދަރަނީގެ ސަބަބުން ބަނގުރޫޓުވެ، ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކްލަބުތައް އަލުން ވުޖޫދު ކުރުމަށް، ސަސްޕެންޑް ކޮށްފައިވާ ކްލަބުގެ މަސްލަހަތު ހިމެނޭ ބަޔަކު އެކުވެ އާ ކްލަބެއް ވުޖޫދު ކުރުމެވެ. އެފަދަ ކަންކަން ކުރަނީ ފީފާގެ ސަސްޕެންޝަންތަކުގެ ސަބަބުން، ކޮށްފައިވާ ޖޫރިމަނާ ފަދަ ފިޔަވަޅުތަކުން ރެކިގަތުމަށެވެ. އެހެން ކަމުން މިހާރު އޮތް ގޮތުން ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ގޮތުގައި ބަލައި، ރޭޑިއަންޓަށް ކްލަބު ލައިސަންސިން ދިނުމުގެ ކުރިން ނިއު ރޭޑިއަންޓްގެ ދަރަނީގެ މައްސަލަތައް ހައްލު ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.
އެފްއޭއެމާއި ރޭޑިއަންޓްގެ އިސް އޮފިޝަލުން ވަނީ މިއަދު މި މައްސަލައިގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ރޭޑިއަންޓްގެ ކޮމިއުނިޓީ ވައިބާ ގްރޫޕްގައި އެ ކްލަބުން ބުނެފައިވަނީ އެފްއޭއެމުން ނިންމާފައިވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓް ކަމަށެވެ.
"ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅައި އެފްއޭއެމް އިން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބައިވެރި ނުވެވޭނެ ކަމަށް، އެފްއޭއެމް އިން ކްލަބަށް މައުލޫމާތު ދީފި. މި ނިންމުން ނިންމާފައިވަނީ އޭއެފްސީން ކަމަށް އެފްއޭއެމް އިން މައުލޫމާތު ދޭ،" ރޭޑިއަންޓް ކްލަބުން މިއަދު ބުނެފައިވެއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު