ސަރުކާރުގެ އިސް ވެރިން ނިއުޔޯކަށް ދަތުރު ނުކުރުމަށް ވޯލްޑްބޭންކު ރިޕޯޓުގައި ބުނެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަ އަނބުރާ ގެންދިއުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މެންބަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ވޯލްޑް ބޭންކު ރިޕޯޓުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް އެއާޕޯޓުގައި ހަދާފައިވާ ސީޕްލޭން ޓާމިނަލް ހުޅުވުމަށާއި، އާ ރަންވޭ ހުޅުވުމަށާއި، ފިއުލް ޓާމިނަލް ހުޅުވުމަށާއި، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ވޯލްޑްބޭންކު ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި އިރު އިރުކޮޅާ ނިއުޔޯކާއި، ދުނިޔޭގެ އެކި ބައްރުތަކަށް ސަރުކާރުގެ އިސް ވެރިން ކުރާ ދަތުރުތައް ހުއްޓާލުމަށް ވޯލްޑްބޭންކު ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ސައީދުގެ ވާހަކަތަކާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު ނިޒާމީ މައްސަލަ ނެންގެވިއެވެ.
މެންބަރު ހުސެއިން ޝަހީމު ވިދާޅުވީ، ސަރުކާރުގެ އިސް ފަރާތްތައް، ތަންތަނަށް އަދި ނިއުޔޯކަށް ނުދިއުމަށް ވޯލްޑް ބޭންކު ރިޕޯޓެއްގައި ލިޔެފައި އޮތްކަމަށް ވިދާޅުވެ މެންބަރު ސައީދު ހައްދަވަނީ ދޮގު ކަމަށެވެ. އަދި މަޖިލީހުގައި ތެދުބަހުން ވާހަކަ ދައްކަން ޖެހޭކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ހުސެއިން ޝަހީމުގެ ނިޒާމީ މައްސަލައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ނިއުޔޯކަށް ނުދިއުމަށް ދިވެހި ދައުލަތަށް، ނުވަތަ ރާއްޖޭގެ ސަރުކާރަށް، ވޯލްޑް ބޭންކު ރިޕޯޓަކުން އަންގާފައި ނޯންނާނެކަން ކަށަވަރުވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ނިއުޔޯކާ ބެހޭގޮތުން މެންބަރު ސައީދު ވިދާޅުވި ބަސްތައް އަނބުރާ ނެންގެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ނަމަވެސް އެ ބަސްތައް ނެންނެވިކަމަށް ވިދާޅު ނުވެ މެންބަރު ސައީދު އަނެއްކާވެސް ވާހަކަ ފެއްޓެވިއެވެ. ވަކި ހިސާބަކުން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު މި ބަލަނީ މެންބަރު އެ ބަސްތައް އަނބުރާ ނަންގަވައިފި ކަމަށް އެހެންކަމުން ޔައުމިއްޔާއިންވެސް އެ ބަސްތައް އުނިކުރާނަން،" ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް