މެންޗެސްޓާ ސިޓީން ބްރޫޝިއާ ޑޯޓުމަންޑްގެ ނޯވޭ ތަރި، އާލިން ހާލަންޑް ގެންދަން އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި، ސިޓީން ހާލަންޑަށް ހުށަހަޅާ މުސާރައަކީ ހަފުތާއަކު ފަސް ލައްކަ ޕައުންޑް ކަމަށް ނޫސްތަކުން ބުނެފިއެވެ.
މިވަގުތު ޔޫރަޕްގައި ހުރި އެންމެ ވަރުގަދަ ފޯވަޑް ހާލަންޑް ސިޓީއަށް ދާން އެއްބަސްވެފައިވާ ކަމަށް މިދިޔަ މަހު އެކްސްކްލޫސިވްކޮށް ރިޕޯޓުކޮށްފައި ވަނީ ޑެއިލީ މެއިލްއިންނެވެ. އެ ނޫހުން ހަވާލާ ދީފައިވަނީ ޖަރުމަނުގައި ހާލަންޑްގެ ޓްރާންސްފާގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތަކާއެވެ. ހާލަންޑް ގެންދަން ސިޓީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޑެއިލީ މެއިލްއާ ހަވާލާދީ، ސްކައި ސްޕޯޓްސް އަދި ބީބީސީ ސްޕޯޓްސްއިންވެސް ވަނީ އޭރު ރިޕޯޓު ކޮށްފައެވެ.
ޖަރުމަނުގެ އެޖެންސީއަކާ ހަވާލާ ދީ އިއްޔެ ޑެއިލީ މެއިލްއިން ރިޕޯޓު ކޮށްފައި ވަނީ ހާލަންޑް ސިޓީއަށް ގެންދެން ދެކެވޭ ވާހަކަތައް ނިމުމަކާ ގާތް ވެފައިވާ ކަމަށާއި، މިވަގުތު ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެގޮތުން މުސާރައަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވާ އިރު، ހަބަރު ލިބިފައިވާ ގޮތުގައި ހާލަންޑް ސިޓީއަށް ދާނީ ހަފުތާއަކަށް ފަސް ލައްކަ ޕައުންޑް ޖެހޭނެ ބޮޑު މުސާރައެއް ގައެވެ. އެއީ ބޯނަސްގެ އަދަދުތަކާއި ސްޕޮންސާޝިޕް އެންޑޯސްމަންޓްތައް ނުލައި ހަފުތާއަކަށް ހާލަންޑަށް ޖެހޭނެ މުސާރައެވެ.
މިވަގުތު ޕްރިމިއާ ލީގުގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުނައިޓެޑްގެ ތަރި ރޮނާލްޑޯއަށް ހަފުތާއެއްގެ މައްޗަށް ފަސް ލައްކަ ދިހަ ހާސް ޕައުންޑް ޖެހެއެވެ. އެއާ ޖެހިގެން ދެން އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ސިޓީގެ ކެވިން ޑިބްރޭނާ އެވެ. ޑިބްރޭނާއަށް ހަފުތާއަކަށް ހަތަރު ލައްކަ ޕައުންޑް ޖެއެވެ.
ހާލަންޑް މިހާރު ކުޅެމުން އަންނަ ކްލަބު ޑޯޓުމަންޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ރިލީސް ފީއަކީ 63 މިލިއަން ޕައުންޑެވެ. ސިޓީން ހާލަންޑް ގެންދަން ޑޯޓުމަންޑަށް އެ ރިލީސް ފީ ދެއްކުމުގެ އިތުރުން އެޖެންޓް ފީއަށް ބޮޑު އެއްޗެއް ދައްކާނެ ކަމަށް ބެލެވެއެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ހުރިހާ ފީތަކާއެކު ބޯނަސްވެސް އެކުވެގެން ހާލަންޑްގެ ޓްރާންސްފާގެ އަގު 100 މިލިއަން ޕައުންޑަށްވުރެ އިތުރު ވާނެއެވެ.
ހާލަންޑް ސިޓީއަށް ދާން ނިންމިކަން އަދި އެއްވެސް ރަސްމީ ފަރާތަކުން އިއުލާން ކޮށްފައި ނުވާ އިރު، އެހެން ކްލަބުތަކުންވެސް އަންނަނީ ހާލަންޑް ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާވެސް ހިމެނެއެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް