އުމުރުން 36 އަހަރުގެ ޖޯޑަން ހެންޑަސަންއާއި، އުމުރުން 35 އަހަރުގެ ޑެނީ ވެލްބެލް ގެންދަން ޗެލްސީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އިނގިރޭސި ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ދިޔަ ހެންޑަސަން، ބްރެންޓްފޯޑާއެކު 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުމެއްގައި ހުރި ނަމަވެސް، އެ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފައިވެއެވެ.

ހެންޑަސަންއާއި ވެލްބެކަށްވެސް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދޭން ޗެލްސީން ނިންމާފައިވާ އިރު، ބްރައިޓަންއިން ވަނީ ވެލްބެކަށް ޗެލްސީގެ މެޑިކަލް ފުރިހަމަ ކުރުމަށް ފުރުސަތު ދޭން ނިންމައިފައެވެ. ވެލްބެކްގެ އަގު ދެ ކްލަބުންވެސް ހާމަކޮށްފައި ނުވާ އިރު، ވެލްބެކް ޕްރި ސީޒަން ޓުއާއާ ގުޅެން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ޗެލްސީން މިހާރު ހޮން ކޮންގައި ތަމްރީތުތައް ކޮށް، އެެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ އިރު، އެޓީމުން އޮސްޓްރޭލިއާގައި ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެލްބެކް ފެންނާނެ ކަމަށް ބެލެވެއެވެ.

ޗެލްސީއާ އަލަށް ހަވާލުވި ވެރިން ކަމަށްވާ ޓޮޑް ބޮއެލީއާއި ކްލިއާލޭކް ކެޕިޓަލް އޯނާޝިޕްގެ ދަށުން މީގެ ކުރިން ގެންގުޅުނު ޓްރާންފާ ޕޮލިސީއަކީ ޒުވާން ތަރިން ރެކްރޫޓް ކުރުމެވެ. މިދިޔަ ސީޒަނުގެ ނާކާމިޔާބީއާއެކު ޗެލްސީގެ ކޯ އޯނަރު ބެހްދާދް އެގްބާލީ ބުނީ ޓްރާންސްފާ ޕޮލިސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، ހަމައެކަނި ޒުވާން ކުޅުންތެރިން ގެންގޮސްގެން ތަށިތަކަށް މިވަގުތު ވާދަކުރެވެން ނެތް ކަމަށެވެ.

ޗެލްސީން މިފަހަރު 34 އަހަރުގެ ގްރެނިޓް ޖަކާވެސް ހޯދަން މަސައްކަތް ކުރި އިރު، ޒަބީ އެލޯންސޯއާއެކު ޗެލްސީން ދަނީ ތަޖުރިބާކާރު ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެލޯންސޯ މެނޭޖަރެއްގެ ގޮތުގައި ޓްރާންސްފާގެ ކޮންޓްރޯލާއެކު ޗެލްސީއާ ހަވާލުވެފައިވާ އިރު، ކްރިސްޓަލް ޕެލެސްއަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރު މެކްސެން ލަކުއާގެ ސޮއިވެސް މިހާރު ވަނީ ހޯދައިފައެވެ.

އޭގެ އިތުރުން މޯގަން ރޮޖާސް، 117 މިލިއަން ޕައުންޑަށް ގެންގޮސްފައިވެސް ވެއެވެ.