މިޑްފީލްޑަށް ހައްލު ހޯދުމަށް މެންޗެސްޓާ ސިޓީން ކުރަމުންދާ މަސައްކަތުގައި މޮރޮކޯގެ އައްޔޫބު ބުއާދީއަށް ފްރާންސްގެ ލިލްއިން ކިޔާފައިވާ އަގު ދޭން އެއްބަސްވުމަކާ ގާތަށް ޖެހިލާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
ސިޓީން މިޑްފީލްޑަރެއް ހޯދުމަށް އިތުރަށް މަސައްކަތް ފަށާފައި ވަނީ އެ ކްލަބަށް ކުޅެމުންދިޔަ ސްޕެއިންގެ ކެޕްޓަން ރޮޑްރީ، ބާސެލޯނާއަށް ވިއްކާލަން އެއްބަސްވުމަކަށް އައުމަށްފަހުއެވެ. ސިޓީން އެންމެފަހުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލް ކައިރިން 3-0 އިން ބަލިވެފައިވުމާއެކު، އެޓީމުން ދަނީ ސީޒަނަށް އިތުރު ޓްރާންސްފާތަކެއް ކުރަން ތައްޔާރުވަމުންނެވެ.
އުމުރުން 18 އަހަރު ބުއާދީއަކީ މޮރޮކޯއަށް ވޯލްޑް ކަޕްގައިވެސް ވިދާލި ތަރިއެކެވެ. އޭނާ ހޯދަން ގިނަ ކްލަބުތަކަކުން މަސައްކަތް ކޮށްފައިވާ އިރު، މޮރޮކޯއިން ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި އޭނާ ވަނީ ހަ މެޗުން ފަސް މެޗުގައި ކުޅެފައެވެ. އޭގެ އިތުރުން ލިލްއިން 2024 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކައިރިން މޮޅުވި މެޗުގައިވެސް ބުއާދީ ވިދާލިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ބުއާދީ ވަނީ ލިލްގެ ސީނިއާ ޓީމަށް ކުޅެފައެވެ. އެ ކްލަބަށް މިހާތަނަށް 88 މެޗު ކުޅެފައިވާ ބުއާދީއަށް ފުރަތަމަ ލިލްއިން ކީ އަގު ބޮޑުވުމާއެކު ސިޓީން އެކަމަށް ނުވިސްނާ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މީޑިއާތަކުން އިތުރަށް ބުނެފައި ވަނީ 85.6 މިލިއަން ޕައުންޑަށް ބުއާދީ ގެންދަން މިހާރު ސިޓީން ބޭނުންވާ ކަމަށެވެ.
މިހާތަނަށް ސިޓީން އެލިއަޓް އެންޑަސަން އެ ކްލަބަށް ގެންގޮސްފައިވާ އިރު، އެންޒޯ ފެނާންޑޭޒްއަކީ ކުރިންވެސް ސިޓީގެ ޓާގެޓެކެވެ. ޗެލްސީއަށް މިދިޔަ ސީޒަނުގައި މޮޅަށް ކުޅުނު އެންޒޯ، އެ ކްލަބާ ގުޅުން ގޯސްވެފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެންޒޯ ހޯދުމުގެ ހިޔާލު އަދިވެސް ސިޓީން ގެންގުޅޭ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ޗެލްސީން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ރެއާލް ސޮސިއެދާދާ ދެކޮޅަށް އެންޒޯ ކުޅެން ނުކުތް އިރު، އެމެޗުގައި ޗެލްސީ ސަޕޯޓަރުން ވަނީ އޭނާއަށް ނުރުހުން ފާޅުކޮށްފައެވެ.
އެންޒޯއަށް ރެއާލް މެޑްރިޑުންވެސް ފާރަލާފައިވާ އިރު، އޭނާއަށް ބިޑް ކުރަން ޗެލްސީން ދިން މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް ސިޓީން އަދިވެސް އެކަމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް