ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ވިހޭ އެއްމާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެފައިވާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާން ކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑް އަދި ޕޯޗުގަލްގެ ފޯވަޑް ރޮނާލްޑޯ އިއުލާން ކޮށްފައި ވަނީ ޖޯޖީނާއަށް މިފަހަރު ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ކަމަށާއި ލިބުނު ފިިރިހެން ކުއްޖާ މަރުވެ، ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ހިތާމައިގެ މި ދަނޑިވަޅުގައި އަހަރެމެންނަށް ލިބުނު ފިރިހެން ދަރިފުޅު މަރުވެފައިވާކަން އިއުލާން ކުރަން. އެއީ ދަރިއެއްގެ ބައްޕަ އަދި މަންމައަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމަ. މިވަގުތު އަހަރެމެންނަށް ހިތްވަރާއެކު ދިރި ތިބުމަށް ލިބޭ ހިތްހަމަ ޖެހުމަކީ އަންހެން ދަރިފުޅު ލިބުމުގެ އުފާވެރިކަން. މި ފުރުސަތުގައި އަހަރެންގެ ދަރިފުޅު ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޑޮކްޓަރުންނާއި ނަރުހުންނަށް ހިތުގެ އެންމެ އިހުލާސްތެރި ޝުކުރެއް އަދާކުރަން،" ރޮނާލްޑޯ އިއުލާން ކުރި މެސެޖުގައިވެއެވެ.
ރޮނާލްޑޯ ބުނެފައި ވަނީ މިވަގުތު އާއިލާއަށް ބޭނުން ވަނީ "ޕްރައިވެސީ" ކަމަށާއި، އެކަމަށް އިހުތިރާމް ކުރުމަށް ސަޕޯޓަރުން ކިބައިން އެދޭ ކަމަށެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖީނާ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުކަން އިއުލާން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ.
ރޮނާލްޑޯގެ މިހާރު ތިބި ދަރިންނަކީ މިއަދު ލިބުނު އަންހެން ދަރިފުޅުގެ އިތުރުން އުމުރުން 12 އަހަރުގެ ރޮނާލްޑޯ ޖޫނިއާގެ އިތުރުން އުމުރުން ހަތަރު އަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ އޭވާ އާއި މަޓެއޯ އަދި އުމުރުން ތިން އަހަރުގެ ދަރިފުޅު އެލާނާއެވެ.
ރޮނާލްޑޯ ލޯބީގެ ގޮތުން އުމުރުން 27 އަހަރުގެ ޖޯޖީނާއާ ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ދެމީހުންނަށް ތިން ދަރިން ލިބިފައިވާއިރު، ރޮނާލްޑޯ ޖޫނިއާއަކީ ސަރޮގޭޓް މަންމައަކަށް ހޯދައިފައިވާ ދަރިއެކެވެ. ރޮނާލްޑޯ ޖޫނިއާގެ މަންމަ ރޮނާލްޑޯ ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ރޮނާލްޑޯއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ