ޚަބަރު

މައްސަލަ ބަލައި ނިމެންދެން ދައުލަތުގެ ވެރިން އައްމަޓީގެ ވާހަކަ ދެއްކުން މަނާކޮށްފި

މުހައްމަދު އިޝާން

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަކީ ކުށްވެރިއެއްގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވާހަކަ ދައްކާތީ އެ މައްސަލަ ބަލައި ނިމެންދެން ދައުލަތުގެ އިސް ބޭފުޅުން ހިޔާލު ފާޅުނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހިޔާނާތުގެ ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް ނިމެންދެން އޭނާ ބަންދުކުރުމަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. އެގޮތުން ތިންވަނަ ފަހަރަށް އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅީ އެމަހުގެ 23 ވަނަ ދުވަހުއެވެ.

އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައެވެ. އެއިން ކޮންމެ ފަހަރަކު ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރިއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 15 ނޮވެމްބަރު 2021 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ. ނަމަވެސް އެންމެފަހުން އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ، އިޖުރާއީ ގޮތުން ބެލެން ނެތްކަމަށް ކަނޑައަޅައި އެކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި އައްމަޓީގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީގެ މައްސަލައިގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓުވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ.

މިސާލެއްގެ ގޮތުން ނިހާޔަތު ދެއްކެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިދިޔަ އަހަރު ކުރެއްވި ޓުވީޓެކެވެ. އެއީ ވެސް އައްމަޓީ ބަންދުން ދޫކޮށްލުމާ ބެހޭގޮތުން ޝަމީމު ކުރެއްވި ޓުވީޓެކެވެ.

ނިހާޔަތު ވިދާޅުވީ ޝަމީމު ޓުވީޓު ކުރައްވާފައި ވަނީ، ކަފާލާތުގައި މީހުން ބަންދުން ދޫކުރުމާއި ޖާމިނުކޮށް މީހުން ދޫކުރުމުގެ އުސޫލުތައް ފަނޑިޔާރުންނަށް ނޭނގޭ ކަމަށް ދޭހަވާ އިބާރާތަކުން ކަމަށެވެ. އަދި އައްމަޓީގެ މައްސަލައިގައި ދައުލަތުގެ ވަކީލުން ދަށު ކޯޓުގެ ފަނޑިޔާރަށް ހައި ކޯޓުގައި ތުހުމަތުތައް އަމާޒުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ވާހަކަދެއްކުމުން ވަކި މީހަކީ ކުށްވެރިއެއް ކަން އާންމުންނަށް ގަބޫލު ކުރެވި، މައްސަލަ ނިންމުމުގެ ކުރިން ފަނޑިޔާރުންނަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވަން މަގުފަހިވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތުގެ ވާހަކަތަކާ ގުޅިގެން، ދައުލަތުގެ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދައުލަތުން ކުރި ކަމެއް ނުދެއްކޭ ކަމަށެވެ. އެހެންކަމުން މި މަރުހަލާގައި އެފަދަ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. އަދި ވަކި މީހަކު އަމިއްލަ ހައިސިއްޔަތުން އެފަދަ ގޮތަކަށް މީހަކު ވާހަކަ ދައްކައިފިނަމަ އަމުރަށް އެދެންޖެހޭނީ އެ މީހަކާ ދެކޮޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އެފަދަ އަމުރެއް ނެރެދޭން ދެކޮޅު ހެދިޔަސް ސުޕްރީމް ކޯޓުން ވަނީ އައްމަޓީގެ ފަރާތުން އެދުނުގޮތަށް އެ އަމުރު ނެރެދީފައެވެ. އެ އަމުރުގައި ވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ކުށެއް ނެތް މީހަކަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެހެންވެ، ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އައްމަޓީގެ މައްސަލަ ކޯޓުން ނިމެންދެން އެކަމާ ގުޅިގެން ހިޔާލު ފާޅު ނުކުރަން އެ އަމުރުގައި އަންގާފައިވެއެވެ.

އައްމަޓީގެ މައްސަަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ދައުލަތުން އައްމަޓީގެ މައްޗަށްކުރާ ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.