ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި މާސޭގެ މައްޗަށް ކުރި ހޯދައި، ޕީއެސްޖީން ލީގު ނެގުމާ ގާތަށް ޖެހިލައިފިއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީގު ތާވަލުގެ ދެވަނައިގައި އޮތް މާސޭގެ މައްޗަށް ކުރި ހޯދީ، 2-1ގެ ނަތީޖާއަކުންނެވެ. މިހާރު ތާވަލު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ރޭ ލީގުގައި ކުޅޭ މެޗުގައި ނޯންޓްސް އަތުން މާސޭއަށް މޮޅުނުވެވި، ޕީއެސްޖީ ކުޅޭ މެޗުން އެންޖާސް އަތުން ކުރިހޯދައިިފިނަމަ ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ކަށަަވަރުކުރެވޭނެއެވެ.
މިވަގުތު ޕީއެސްޖީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. ޕީއެސްޖީއަށް 32 މެޗުން 74 ޕޮއިންޓް ލިބިފައިވާ އިރު، މާސޭ ދެވަނައިގައި އޮތީ 32 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނެގިއެވެ. މާކޯ ވެރާޓީ މެދުތެރެއިން ދުއްވާލި ބޯޅައަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ސުޕަ ސްޓާރު ނޭމާއެވެ. ރަނގަޅު ފޯމެއްގައި ކުޅެމުންދާ ނޭމާގެ ގޯލާއެކު ޕީއެސްޖީން ލީޑު ނަގައި ހަމަޖެހިލި ނަމަވެސް ހާފުގެ 31 ވަނަ މިނެޓުގައި މާސޭއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
މާސޭން ޖެހި ގޯލަކީ ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ހެދި ގޯހެއްގެ ފައިދާ ނަގައި ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޫޔޭ ޖަލޭޓާޖާ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި އެ ގޯލު ޖެހީ ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭއެވެ. ޕީއެސްޖީ އޭރިއާ ތެރެއިން މާސޭގެ ވަލެންޓިން ރޮންޖިއޭ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީގައި ޕީއެސްޖީން އަލުން ލީޑު ނެގި އިރު، އެ ގޯލަކީ އެމްބާޕޭ މިއަހަރުގެ ލީގުގައި ޖެހި 21 ވަނަ ގޯލެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު