އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކްލަބް ވެލެންސިއާ ކޮޅަށް 13 ގޯލު ޖަހައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 13-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ މާޒިޔާ ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އެޓީމަށް ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން މާޒިޔާ ވަނީ 24 ޕޮއިންޓް ހޯދައިފައެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އީގަލްސް އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ވެލެންސިއާއަށް ނުވަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް މާޒިޔާއިން ވަނީ ހަތް ގޯލު ޖަހައިފައެވެ. އިތުރު ގޯލުތައް އަނެއް ހާފުގައި ފެނިގެން ދިޔަ އިރު، މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ނާއިޒް ހަސަން (ދާދު) ވެސް މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން އިބްރާހިމް އައިސަމްވެސް މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލަކީ ވެލެންސިއާގެ ސަމްދޫހު މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މީގެ ކުރިންވެސް ދިވެހި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުމުގެ ރެކޯޑު އޮތީ މާޒިޔާ އަތުގައެވެ. އެއީ ހަމަ 13 ގޯލުގެ ތަފާތު ސްކޯލައިނެކެވެ. މާޒިޔާއިން މީގެ ކުރިން އެ އަދަދުގެ ތަފާތަކުން މޮޅުވީ 2019 ވަނަ އަހަރު ފ. ނިލަންދޫ ކައިރީގައެވެ.