އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ނޯވިޗާ ދެކޮޅަށް ކުޅުނު މެޗު، ޔުނައިޓެޑުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދާފައިވާ އިރު، އޭނާގެ ގޯލުތައް ހިތްގައިމެވެ. ފުރަތަމަ ގޯލު "ޓެޕިން" އަކުން ޖެހި އިރު، ދެވަނަ ގޯލު ޖެހީ ބޮލުންނެވެ. އަދި ތިންވަނަ ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ.

ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ ޖާގައަށް އުންމީދުއާވެފައެވެ. ގަދަ ހަތަރަކަށް ޔުނައިޓެޑާ އެކު ވާދަކުރަމުންދާ އާސެނަލްއާއި ޓޮޓެންހަމްވެސް ރޭ ލީގުގައި ކުޅުނު މެޗުތަކުން ބަލިވެފައިވުމުން، ޔުނައިޓެޑަށް ވަނީ ހަތަރަކަށް އުންމީދެއް ލިބިފައެވެ. މިވަގުތު ޔުނައިޓެޑް ތާވަލުގެ ފަސްވަނައިގައި އޮތީ 32 މެޗުން 54 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ރޭ ބްރައިޓަން ކައިރީ 1-0 އިން ބަލިވި އިރު، އެޓީމު އޮތީ 32 މެޗުން 57 ޕޮއިންޓް ހޯދައިފައެވެ.

ހަވަނައިގައި އޮތް އާސެނަލްވެސް ރޭ ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން 1-0 އިން ބަލިވި އިރު، އެޓީމަށް 31 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ތިންވަނަ ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 99 ވަނަ ގޯލެވެ. މިވަގުތު ރޮނާލްޑޯ މި ސީޒަންގެ ލީގުގައިވެސް 15 ގޯލު ޖަހައިފައިވާ އިރު، ރޮނާލްޑޯއަކީ ޖޮއިންޓް ޓޮޕް ސްކޯރާވެސް މެއެވެ. ކެރިއަރުގައި ޖުމުލަ 60 ހެޓްރިކް ރޮނާލްޑޯ ހަދާފައިވެއެވެ. އެ އަދަދުތަކާއެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ސަބަބުން ޔުނައިޓެޑަށް ގެއްލުންވާ ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ޖަވާބު ދީފައެވެ.

"މުހިންމު ކޮންމެ މެޗެއްގައިވެސް ރޮނާލްޑޯ ދަނީ ތަފާތު ދެއްކޭނެކަން ސާބިތު ކޮށްދެމުން. ރޮނާލްޑޯގެ ފަރާތުން ޓީމަށް ތަފާތު ގެނެވޭނެކަން އަދިވެސް ޔަގީންކުރެވޭ. ރޮނާލްޑޯގެ ގޯލު ޖެހުމުގެ ރެކޯޑުތަކަށް ބަލާލީމަ އެނގޭނެ އެ ތަފާތު. އެއީ ނަސީބަކުން ނޫން. އެއީ ރޮނާލްޑޯގެ ހުނަރުގެ ތަފާތު،" ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ރާފް ރަންގްނިކް ބުންޏެވެ.

މި ސީޒަނަށްފަހު އިތުރު އެއް އަހަރަށް ޔުނައިޓެޑުން ރޮނާލްޑޯއާ އެކު ހަދާފައިވާ އެއްބަސްވުން އޮތް އިރު، ކްލަބުގައި ރޮނާލްޑޯ ބެހެއްޓުމުގެ މަސައްކަތް ދެން ހަވާލުވާނީ އަލަށް އަންނަ ކޯޗަކާއެވެ. ހަބަރުތައް ބުނާ ގޮތުގައި ޔުނައިޓެޑްގެ ކޯޗު ކަމަށް ދެން އަންނާނީ މިހާރު އަޔެކްސްގެ ކޯޗު ކަމުގައި ހުރި އެރިކް ޓެން ހާގެވެ. ރޭގެ މެޗަށްފަހު މިހާރުގެ ކޯޗު ރަންގްނިކް ބުނީ "ރޮނާލްޑޯގެ އެއްބަސްވުމާމެދު ދެން އަންނަ ކޯޗަކު ވިސްނާނެ،" ކަމަށެވެ.