ޚަބަރު

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލުނީ ކަރަންޓު ކެނޑުމުގެ ސަބަބުން: ނިޔާޒް

މުހައްމަދު އިޝާން

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލޭ ދާއިރާގެ ރައްޔިތުން ގެމަޖިލިސް މެމްބަރު އަލީ ނިޔާޒް މިރޭ "ވަން" އަށް ވިދާޅުވީ، އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާން ނިންމި ކެންޑިޑޭޓަކު އިންތިހާބަށް ނަން ފޮނުވުމަށް ބޭނުންވާ ފޯމެއް ފުރިހަމަކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ހުއްޓައި ކަރަންޓު ކެނޑުމުގެ ސަބަބުން އެ ފޯމު ފުރިހަމަކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެންގުމުން އެއީ ވަގުތަށް ފޯމު ހުށަނޭޅެން ޖެހޭ ސަބަބެއް ކަމަށް އީސީން ގަބޫލުނުކުރި ކަމަށް ވިދާޅުވިއެވެ.

"ނަން ފޮނުވިން، ފޯމު ވެސް ހުށަހެޅިން. ގާނޫނީ ފޯމު ފަހުވަގުތު ނުލިބުމުން ފޯމު ބަލައިނުގަތީ. ގާނޫނީ ފޯމު ޑީޖޭއޭއަށް ހެނދުނު ހުށަހެޅި ނަމަވެސް ކަރަންޓު ނެތުމުން ފުރިހަމަކޮށް ކެންޑިޑޭޓަށް ފޯމު ލިބުނީ މާލަހުން،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ބައި އިލެކްޝަނުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުނީ އެންމެ ފަހު ވަގުތު ކަމަށާއި އެއީ ވެސް ލަހުން ފޯމު ހުށަހެޅުނު ސަބަބެއް ކަމަށެވެ. އަދި ކަރަންޓު ނެތުމުގެ ސަބަބުން ފޯމު ފުރުން ލަސްވާނެކަން ޑީޖޭއޭއިން ވެސް އީސީއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ، އީސީގައި އިތުރު ވަގުތު ދިނުމަށް އެދިފައިވާނެ ކަމަށާއި އީސީން ބައި އިލެކްޝަން ބާއްވަން ފުރަތަމަ ނިންމާފައި އޮތީ އަންނަ މަހުގެ 14 ގައި ކަމަށާއި އެ ދުވަހަކީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނަ ދުވަސް ކަމަށެވެ. އަދި ފަހުން އީސީން ބައި އިލެކްޝަން އަންނަ މަހުގެ 16 އަށް ބަދަލުކުރުމުން އެކަމަށް ރިއާޔަތްކޮށްފައި އިތުރު ދެ ދުވަސް ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"14 މެއިގައި ބާއްވާތީ 14 އެޕްރީލަށް ފޯމު ހުށަހަޅަން އޮތީ. އެހެންވީމާ 16 މެއިގައި އިންތިހާބު ބާއްވާނަމަ 16 އެޕްރީލަށް (މިއަދަށް) އެޕްލިކޭޝަން ޑެޑްލައިން އިތުރުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.

ވިލިމާލެ ބައި އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ މެންދުރު 2:00 ގެ ނިޔަލަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ، އެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށާއި މުއްދަތު ދެން އިތުރު ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އީސީން މަސައްކަތް ކުރަނީ އިންސާފުވެރިކަމާއެކު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދީގެން ކަމަށެވެ.

"ދެން އިތުރެއް ނުކުރާނެ، މިފަހަރު އެމްޑީޕީއަށް ނަން ހުށަނޭޅުނީ ކަމަށް ވެދާނެ. ދެން އޮންނަ ފުރުސަތެއްގައި އަލުން ވާދަކުރުން އެންމެ އިންސާފުވެރިވާނީ،" ފުއާދު ވިދާޅުވެފައިވެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.