ވައްކަންކުރިކަމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރި ދެ މީހަކު އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏަކުން ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހ. ވެލޮފޮތި އަފްލާހް އަލީ (33އ) އާއި އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ހަމަ އެ ދުވަހު ފުލުހުން ވަނީ އަފްލާހް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގައި ބަހައްޓައިދޭން އެދިފައެވެ.

ކުރިމިނަލް ކޯޓުގައި އަފްލާހު ބުނީ، ފޯނު ވަގަށް ނެގީ އޭނާ ނޫން ކަމަށާއި ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ އަންހެނުން ބަލިވެ އިން ކަމަށް ގަބޫލުކުރެވޭތީ އާއި އަންނަ އާދީއްތަ ދުވަހަކީ އޭނާގެ އުފަންދުވަސް ކަމަށެވެ. އެއާއެކު މިއީ ރޯދަ މަހަށްވުމުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްދިނުމަށް އަފްލާހް ވަނީ އެދިފައެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ، އަފްލާހް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފޯނު ފެނުނަސް، އެ ފޯނު އޭގެ ވެރިފަރާތާ ހަވާލުކުރެވިފައިނުވާ ކަމަށާއި ބަންދުގައި ހުރިއިރު ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ބުންޏަސް އެކަމުގެ މައުލޫމާތު ރަސްމީ ގޮތެއްގައި ލިބިފައިނުވާ ކަމަށެވެ. މީގެ އިތުރުން އަފްލާހަކީ ކުށުގެ ރެކޯޑު ގިނަ މީހެއްކަން ފާހަގަކުރަމުން ފުލުހުން ބުނީ އޭނާ 53 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ބަންދު ލޮގުން ދައްކާ ކަމަށާއި އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ކަމަށެވެ.

ފުލުހުން އެދުނުގޮތަށް ކޯޓުން ވަނީ އަފްލާހުގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި ހެކި ފުލުހުން ހުށަހަޅާފައިވާތީއެވެ. އެ ހެއްކަކީ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓެވެ. އަފްލާހު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލައް ކުރިމަތިވެދާނެކަމުގެ ބިރު އޮތުމުން ވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ މ. ދެރެހަ، އަނަފު އަބްދުﷲ ހައްޔަރުކުރީ މިސްކިތަކުން ޖޫސް ކޭހެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށެވެ. އޭނާގެ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އަނަފު އަކީ އެކިއެކި ކުށްތަކުގެ ތުހުމަތުގައި މީގެ ކުރިން 93 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ބަންދުގެ ލޮގުން އެނގޭ ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި، ގޯތި ގެދޮރުންނާއި ފިހާރަތަކުން ވައްކަން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އެހެންވެ ފުލުހުން އެދުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ.

އަނަފު ކޯޓުގައި ބުނެފައިވަނީ، މިސްކިތުން ޖޫސް ކޭހެއް ވަގަށް ނެގި ކަމުގެ ކުށަށް އިއުތިރާފުވާ ކަމަށާއި މަސްތުވާތެކެތި ވެސް ބޭނުންކުރާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަން ކަމަށްވުމުން، އެ ފުރުސަތު ބޭނުންވާ ކަމަށެވެ. އަނަފް އެދިފައިވަނީ ޝަރުތުތަކަކާއެކު ފަރުވާ ފުރިހަމަކުރުމަށް އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަމަށް އިއުތިރާޒުކޮށްފައެވެ.

ފުލުހުންގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ދީބާނާޒް އަމުރުކުރީ އަނަފު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. އެއީ އޭނާގެ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ. މީގެ އިތުރުން އޭނާ ބަންދުކުރީ އޭނާގެ އިއުތިރާފަށް ބަލައި ތުހުމަތުކުރެވޭ ވަރަށް ހެކި ހުރުމުންނެވެ.