ސްކޮޓްލޭންޑާ ދެކޮޅަށް ޔޫކްރެއިނުން ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ޖޫން މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައިގެ ހާލަތު ގޯސްވެ ސްކޮޓްލޭންޑާއި ޔޫކްރެއިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުޅެން އޮތް ކޮލިފިކޭޝަން މެޗު ފަސްކުރަން ނިންމީ ފީފާއިންނެވެ. އެފަދަ ގޮތަކަށް ފީފާއިން ނިންމީ ޔޫކްރެއިން ޓީމަށް ދަތުރުކުރުމަށް އުނދަގޫތަކާ ކުރިމަތިވެ، ފަރިތަކުރުންތަކަށްވެސް އިތުރު އުނދަގޫތައް ކުރިމަތިވެފައި އޮތުމުންނެވެ.
ޔޫކްރެއިން ހިމެނޭ ކޮލިފިކޭޝަން ބްރެކެޓްގައި ހިމެނެނީ ޔޫކްރެއިނާއި ސްކޮޓްލޭންޑްގެ އިތުރުން ވޭލްސްއާއި އޮސްޓްރިއާއެވެ. ކޮލިފިކޭޝަން ޕްލޭ އޮފް ފުރަތަމަ މެޗުގައި ވޭލްސްއާއި އޮސްޓްރިއާ ވާދަކޮށް، މޮޅުވީ ވޭލްސްއެވެ. ބްރެކެޓުގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ޓީމެކެވެ. އެހެންކަމުން ކޮލިފިކޭޝަން ފައިނަލުގައި ވޭލްސް ކުޅެން ޖެހޭނީ ސްކޮޓްލޭންޑާއި ޔޫކްރެއިން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ފީފާއިން އިއުލާންކޮށްފައިވާ ގޮތުގައި ސްކޮޓްލޭންޑްގެ ހޭމްޕްޑެންގައި ޔޫކްރެއިނާއި ސްކޮޓްލޭންޑް ކުޅޭ ކޮލިފިކޭޝަން ސެމީ ފައިނަލަށްފަހު ޕްލޭ އޮފް ފައިނަލް ކުޅޭނީ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މެޗު އޮންނާނީ ވޭލްސްގެ ކާޑިފްގައެވެ.
ގަތަރުގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ނޮވެންބަރު 21 އިން ޑިސެންބަރު 18 އަށް ތާވަލުކޮށްފައިވާ އިރު، ސްކޮޓްލޭންޑާއި ޔޫކްރެއިނާއި އޮސްޓްރިއާ އަދި ވޭލްސް ހިމެނޭ ބްރެކެޓުން ކޮލިފައިވާ ޓީމު ލައްވާލާނީ އިންގްލެންޑާއި، އިރާން އަދި އެމެރިކާ ހިމެނޭ ގްރޫޕުގައެވެ.