ކުނި އުކާލާ ރަށެއްގައި ބަދަލުގައި ތިލަފުއްޓަކީ މިހާރު ކުނި މެނޭޖްކުރާ ރަށެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ ވަނީ މިއަދު ތިލަފުއްޓަށް ވަޑައިގެން އެތަނުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލައްވައިފައެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ބައްދަލުރައްވައި އެ މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަތައްވެސް މިނިސްޓަރު އޮޅުން ފިލުއްވިއެވެ.
ޝައުނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިން ތިލަފުއްޓަކީ ކުނި އުކާލާ ރަށަކަށްވިޔަސް މިހާރު އެރަށަކީ ކުނި މެނޭޖްކުރާ ރަށެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންގެންދާ ވެމްކޯގެ ޓީމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
މިނިސްޓަރު މިއަދު ތިލަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެންވަޔަރުމެންޓް މިިނިސްޓްރީގެ ވޭސްޓް ޑިޕާޓްމެންޓުގެ ވެރިންނާއި ވެމްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ މާލެ ސަރަހައްދުން އުކާލާ ކުނި ނައްތާލައި، އެއިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށައިފައެވެ. އެ މަޝްރޫއަށް ދީފައިވާ ނަމަކީ "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" އެވެ. އެ މަޝްރޫއު ނިމޭއިރު ތިލަފުށި ފެންނަން ހުންނަ ކުނީގެ ފަރުބަދަ ގެއްލި ތިލަފުށީގެ މަލަމަތި ރީތިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެއީ ކުނި އަންދާލުމުގެ ބަދަލުގައި ކުނިން މެނޭޖްކޮށްގެން އެއިން ހަކަތާ އުފައްދެއްމުގެ މަޝްރޫއެކެވެ.
ގްރޭޓާ މާލޭ އޭރިއާގެ ސަރަހައްދުން ތިލަފުއްޓަށް ދުވާލަކަށް 500 ޓަނާއި 700 ޓަނާ ދެމެދުގެ ކުނި ޖަމާކުރެއެވެ. "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" ޑިޒައިންކޮށްފައިވަނީ އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ޕްލާސްޓިކް ކުނި ރީސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ތިލަފުށީގައި ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ރެޕްކޮށް ރައްކާތެރި ގޮތުގައި ގުދަން ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.
"ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވެފައިވަނީ، އެ މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ތަނުގެ ކުނި ޕްރޮސެސްކޮށް 8.5 މެބަވޮޓްގެ ކަރަންޓް އުފައްދައި ވިއްކޭނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގެ ތިމާވެށީގެ ތާރީހުގައި މިހާތަނަށް ފެށި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށާއި މުޅި ޕްރޮޖެކްޓަށް 304 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް ޝައުނާ ވިދާޅުވެފައިވެއެވެ.
އެ މަޝްރޫއަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އޭޑީބީގެ ހިލޭ އެހީ އާއި ކޮންސެޝަނަލް ލޯނު އަދި އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާނު ފަންޑްފޯ ޕަވަޓީރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ސަރުކާރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު