ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ ބައި އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު މެންދުރު 2:00އާ ހަމައަށް ކަމަށެވެ.
ނަމަވެސް އިންތިހާބުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ހަމަވި އިރުވެސް އެމްޑީޕީން ފޯމް ހުށަހަޅާފައިނުވާ ކަމަށާއި އެހެންވެ އެމްޑީޕީއަށް އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
"ނަން ހުށަހެޅުމަށް ހުޅުވި ވަގުތު ހަމަވިއިރު ވެސް އެމްޑީޕީގެ ފަރާތުން ނަމެއް ހުށަނާޅާ، އެހެންވެ އެ ފުރުސަތު މިހާރު އެމްޑީޕީއަށް ވަނީ ގެއްލިފައި،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ބައި އިލެކްޝްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާ ކަމަށާއި މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އީސީން މަސައްކަތް ކުރަނީ އިންސާފުވެރިކަމާއެކު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދީގެން ކަމަށެވެ.
"ދެން އިތުރެއް ނުކުރާނެ، މިފަހަރު އެމްޑީޕީއަށް ނަން ހުށަނޭޅުނީ ކަމަށް ވެދާނެ. ދެން އޮންނަ ފުރުސަތެއްގައި އަލުން ވާދަކުރުން އެންމެ އިންސާފުވެރިވާނީ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ޕީޕީއެމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ވަގުތު ހަމަވުމުގެ ކުރިން އީސީއަށް ލިބިފައިވާ ކަމަށެވެ.
ވިލިމާލެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު