"ދުވާ ކުނިވަހުން ނޯއް ދަމާލާކަށް ނުކެރޭ. މުޅި ތާނގަ މި ހުރީ ނަޖިސް. ކުރިން ދުވަހަކު މިތާ ހުއްޓާ ނަޖިހާއެކު އޮތް ނެޕީއެއް މި އެއްލާލަނީ މަތީ ފްލޯއަކުން. މީ ފުކެއް ބޮޑުވަރުދޯ. ދެން މިކަމުގެ ޒިންމާވެސް ނަގަންވީ ސަރުކާރުން، ނޫނީ އެޗްޑީސީންތަ؟ ބަލިމަޑުކަމެއްގެ ތެރެއިން އިހަކަށް ދުވަހު މި އަރައިގަތީ."
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފުލެޓުތަކުން 14 ވަނަ ޓަވަރުގެ ތިރީގައި ހުރެ އެ ޓަވަރުގެ ފްލޯއެއްގައި ދިރިއުޅޭ މީހަކު ދެއްކި ވާހަކައެކެވެ. އެމީހާގެ ވާހަކައިގައި އެތަނުން އެހެން ބަޔަކުވެސް ބައިވެރިވެލި އެވެ. އެމީހުން ބުނީ މިކަހަލަ ކިތަންމެ މުޑުދާރު ކަމެއް އެ ޓަވަރުތަކުން ފެންނަ ކަމަށެވެ. ކުނި ކޮތަޅުތައްވެސް ވައި ގޮޅިންނާއި ބެލްކަނިންނާއި ކުޑަދޮރުން ބޭރަށް އުކާ ކަމަށެވެ.
މީގެ ދެތިން ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއްގައިވެސް ނަޖިހާއެކު ހުރި ނެޕީތަކެއް 14 ވަނަ ޓަވަރުގެ ފްލޯއެއްގެ ވައިގޮޅިން ތިރިއަށް އެއްލާލާފައިވާ މަންޒަރު ފެނެއެވެ. އަދި ބޮޑުކަމުދާ ތަކެއްޗާއެކު އެއެއްޗިހި އެތަނުގައި ހުންނަތާ ތިން ދުވަސް ވެއްޖެ ކަމަށް އެމީހާ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ. މިހާރު މިތަކެތި ނަގައި ސާފުކޮށްފައިވީނަމަވެސް މީ ހަމަ އާންމުކޮށް ކަންތައް ވަމުންދާ ގޮތް ކަމަށް އެ ޓަވަރުގައި ދިރިއުޅޭ ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން ހާމަވެގެންދިޔަ އެވެ.
"ވަން" އާ ވާހަކަ ދައްކަމުން ބައެއް ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނީ ކުންޏާއި ދަޅާއި ފުޅިފަދަ ތަކެތި ތިރިއަށް އެއްލާލާ މަންޒަރު އާންމުކޮށްވެސް ފެންނަ ކަމަށެވެ. އަދި ބައެއް ފަހަރު އެ ފްލެޓަކަށް ގޮސް އެގޮތަށް ކަންތައް ނުކުރުމަށް ކިތަންމެ ނަސޭހަތެއް ދިނަސް "މިއީ ކީ ކަލެއާ ބެހޭ ކަމެއް ނޫނޭ." "މި ފްލޯ އަކުން ނުއެއްލާނެޔޭ" "ތިވާނީ ހީވާ ގޮތް" ކަމަށް ބުނެ މޫނު މައްޗަށް ދޮރުޖަހާ ކަމަށްވެސް ބުންޏެވެ.
ހިޔާގެ 15 ވަނަ ޓަވަރުގައި ދިރިއުޅޭ މީހަކު ނަން ނުޖަހަން ޝަރުތުކޮށް "ވަން" އަށް ބުނީ އެ ޓަވަރުންވެސް އެފަދަ މަންޒަރުތައް ބައެއް ފަހަރު ފެންނަ ކަމަށެވެ.
"މަތިން ކުނި ކޮތަޅެއް ވައްޓާލިތަންވެސް އެއްދުވަހަކު ފެނުނު. ދެން އެތާ އެވަގުތު ހުރި މީހަކު އެ ކުނިކޮތަޅު ނަގައި ބޭރުގަ ބެހެއްޓީ. މި ޓަވަރުންވެސް އެހެން ހަދާތަން ފެނޭ. ދެން ބުނާނެ ކުޑަކުދިން އުޅޭތީ ވާގޮތޭ. އެކަމަކު ބޮޑެތި ސިންގާ ކުނި ކޮތަޅު ކުޑަކުދިންނަކަށް ވައްޓައެއް ނުލެވޭނެ ދޯ. ފުޅިއެއް ނޫނީ ކުޅޭ އެއްޗެއް އެ ކުދިން އެއްލައިލަފާނެ. ނޫނީ ކަރުދާސް ކަހަލަ ލުއި އެއްޗެއް އަޅާފަ އޮންނަ ކޮތަޅެއްވެސް އެ ކުދިންނަށް އެއްލައިލެވިދާނެ. މިއީ ހަމަ ބޮޑެތި މީހުން ކުރާ ކަމެއް. އެކަމަކު އަމިއްލަ ސާފުތާހިރުކަންވެސް އޮންނަންވާނެ ދޯ." އޭނާ ބުންޏެވެ.
ކުނި ނެގުމުގެ ހިދުމަތް ލަސްވެ މީގެ ކުރިން ހިޔާ ފުލެޓުތައް ކައިރީގައި ކުނިތައް ފުޅަވެފައި ހުރިތަންވެސް ފެނުނެވެ. އެކަމަކު މިހާރު ކުނީގެ ހިދުމަތް ދެމުން އަންނައިރު މިފަދަ ހަޑި މުޑުދާރު މަންޒަރު ފެންނަންވީ ސަބަބެއް ނެތެވެ. އެއްބަޔަކު މިކަމުގައި ސަރުކާރު ކުށްވެރި ކުރަމުންދާއިރި އަނެއް ބަޔަކު ކުށްވެރިކުރަނީ ހިޔާގެ ބެލެނިވެރި ފަރާތްތަކަމުގައިވާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެކަމަކު ފަރުދީ ޒިންމާ އަދާކުރުމަކީ އޮންނަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރަނީ މަދު ބައެކެވެ.
ނަޖިހާއެކު އެއްލައިލާ ނެޕީއަކީ އެތައް ބަލިތަކެއް ފެތުރިދާނެ އެއްޗެއްކަން އެ އެއްލައިލާ މީހާއަށް ނުވިސްނެނީހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟ ދަރިފުޅު ނުވަތަ ގޭގައި ތިބޭ އުމުރުން ދުވަސް ވީ މީހުން ޖަހާފައި ހުންނަ ނެޕީ ނައްޓާލައިގެން އަޅައިލާނެ ކޮތަޅެއް ނޫނީ ޑަސްބިނެއް ގޭގައި ނެތީ ހެއްޔެވެ؟ ނޫނީ ގޭގައި އެ ނެޕީ ބާއްވަން ބޭނުން ނުވަނީ ހެއްޔެވެ؟
ބައެއް ދިވެހިންނަކީ ހުރިހާ ކަމެއް ވަރި ހަމަ ކޮށްލާ ބައެއްކަން ހާމަވެގެން ދަނީ އާންމުކޮށް ރަމަޟާން މަހާ ދިމާކޮށެވެ. ގެތައް ސާފު ކުރުމަށްފަހު ނެރެލާ ކުނިތައް ފުންޏަކަށް ޖަހާފައި ހުންނަނީ ކޮންމެ މަގެއްގެ ކަންމަތީ ނުވަތަ ޕޭމެންޓުތައް މަތީ ނުވަތަ ކޮންމެވެސް ގޯޅިގަނޑެއްގަ ތެރެއަށެވެ. މުޅި ޕޭމަންޓާއި މަގު ބްލޮކްވިޔަސް ވަރިހަމަ އެވެ. ކުނިތަކުން ދުވާ ނުބައިވަހުން ނޯށް ދަމައިލަން ނުކެރުނަސް އެންމެ ރަނގަޅު ކަމަށް ބަލައިފަ އެވެ. އެކަމަކު މިއީ ކުޑަކުޑަ ކަމަކުން ރަނގަޅު ކޮށްލެވިދާނެ ކަންކަމެވެ. އަތުން ބޮޑު ހަރަދެއް ނުދީވެސް މިހާރު ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ވެދާނެ ކަންކަމެވެ. އެކަމަކު ހަމަ ކަން ފަސޭހަ ކޮށްލަނީ އެވެ.
ކޮންމެ ކަމަކީ ސަރުކާރުން ގަދަ ބާރު އަޅައިގެން ތަންފީޒީ އިދާރާތައް މެދުވެރިކޮށްގެން ހުއްޓުވަން ޖެހޭނެ ކަންކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ޒިންމާއެއްވެސް އޮންނަންޖެހޭނެ ކަން ދަންނަން ވާނެ އެވެ. ކޮންމެ ކަމެއް އެޗްޑީސީގެ ބޮލަށް ކަނޑައިލިޔަކަސް ކަމަނު ނުދެއެވެ. މިފަދަ ބައެއް ކަންކަމުން ފެންނަނީ އަހަރެމެންގެ ނާތަހުޒީބު ކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް