ރައްޔިތުންގެ ސިއްހީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިން ރައްޔިތުންނަށް ލިބެންޖެހޭ މުހިއްމު ބައެއް ސިއްހީ ހިދުމަތްތައް ނުލިބޭ މައްސަލައިގައި މަޝްވަރާކޮށްގެން، އާސަންދައިގެ ސިޔާސަތު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމަށް އޮތް ވަގުތުގައި، މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސަލީމް މިނިސްޓަރާ ސުވާލު ކުރެއްވީ، އާސަންދައިގެ ސިޔާސަތު މިހާރު އޮންނަ ގޮތުން ވަރަށް މުހިއްމު ސިއްހީ ބައެއް ކަންކަމުގައި އާސަންދައިގެ އެހީތެރިކަން ނުލިބޭ މައްސަލައިގައި ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އާސަންދައިގެ ސިޔާސަތު ރިވިއު ކުރުމަށް ކުރާ މަސައްކަތްތަކާބެހޭގޮތުންނެވެ.
މެންބަރު ޖާބިރު ސުވާލު ކުރެއްވީ، އާސަންދައިގެ ސިޔާސަތު އޮތްގޮތުން ބޮޑެތި ކޮރަޕްޝަންތަކެއް ހިނގަމުންދާ ކަމަށާއި، އެކަންތައް ހުއްޓުވުމަށް މިނިސްޓަރު ކުރައްވާ މަސައްކަތްތައް އޮޅުން ފިލުއްވުމަށެވެ.
އެ ދެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، މަޝްވަރާ ކޮށްގެން އާސަންދައިގެ ސިޔާސަތު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އެކަންކަމުގައި މިވަގުތައް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެންނަވާނެ ކަމަށާއި، އެކަމުގެ ސަބަބުން އާސަންދައިގެ އެހީތެރިކަން ލިބެން ޖެހޭ ކަންތައްތަކަށް އެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންތައްތައް ނިމޭގޮތުގެ ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ، އާސަންދައިގެ ކަންތައްތަކަށް މިހާރު 1.2 ބިލިޔަން ރުިފޔާ ހަރަދުވާ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭނަމަ އެކަންތައް ހައްލު ކުރައްވާނެ ކަމަށާއި، ވައްކަމަށް ތާއީދު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އާސަންދައިގެ ސިޔާސަތަށް ބަދަލުގެންނަ ޖެހޭކަން ފާހަގަ ކުރައްވައި، އާސަންދަ ތަރުތީބު ކުރެވިފައިވާ ގޮތް އިސްލާހު ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)