ހުޅުމާލޭގައި ތެލަސީމިއާގެ އާ ސެންޓަރަކާއި ބްލަޑް ސާވިސްގެ އާ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ފޮނުވުމަން ނިންމައި އެކަމުގެ ލިޔުން ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
އެ ހިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން "ތެލެސީމިއާ އާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އާ އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާނެ،" ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ހުޅުމާލޭގައި ހަދާ ތެލެސީމިއާ ސެންޓަރާ އެކު ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސެންޓަރުގައި ނެޝަނަލް ބްލަޑް ބޭންކްގެ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަށް ހާއްސަ އިސްކަމެއް ދީފައި ކަމަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން އެ ހިދުމަތް ދެމުންގެންދާ ގޮތް ހޯދައި ބަލައި ދިރާސާ ކޮށްފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
އެ މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ނިންމައިލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު