ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 8 އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

ހުޅުމާލެ އޮރެންޖް ހިޔާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އަހުމަދު ނަސީމެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މި އެމްބިއުލާންސްތައް ހަވާލުކުރާނީ ހއ. ހޯރަފުށި ހެލްތް ސެންޓަރު، ހއ. ކެލާ ހެލްތް ސެންޓަރު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް، ކޮންމެ ހޮސްޕިޓަލަށް އެއް އެމްބިއުލާންސް އަދި ނެޝަނަލް އެމްބިއުލާންސް ސާވިސްއަށް ދެ އެމްބިއުލާންސް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު ފެސިލިޓީތަކާ އެމްބިއުލާންސްތައް ހަވާލުކުރުންވެސް އޮތެވެ.

ހެލްތް މިނިސްޓްރީން ބުނީ، "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ހަދިޔާކުރި މި އެމްބިއުލާންސްތަކުގައި 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތައްވެސް ހުންނާނެ ކަމަށެވެ.

މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭ.އެލް.އެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.