ޚަބަރު

ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)

ސަރުކާރުން ތުޅާދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ތުޅާދޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ވަނީ ހޮސްޕިޓަލުގެ ބިންގާ އަޅައިފައެވެ.

މި ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއީ ތުޅާދޫ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެމްޓީސީސީން މަޝްރޫއުތަކާ ހަވާލުވަނީ މުއްދަތާ އެއްގޮތަށް މަސައްކަތް ނިންމުމަށް އަޒުމު ހިފައިގެން ކަމަށާއި މިހާތަނަށް އެމްޓީސީސީން ހަވާލުވި މަޝްރޫއެއް ދީފައިވާ ތާރީހަށް ނިންމާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތްވެސް 18 މަަސްތެރޭ ނިންމާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ތުޅާދޫގެ ހޮސްޕިޓަލު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުއެވެ. ޖުމުލަ 114.50 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީވެސް 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ސާވިސް ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް އިމާރާތް ކުރާނެއެވެ.

އާބާދީގައި 1600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުޅާދޫގައި މިހާރު ހިދުމަތް ދެމުން އަންނަނީ މީގެ 18 ވަރަކަށް އަހަރު ކުރިން އިމާރާތްކުރި ސިއްހީ މަރުކަޒުންނެވެ.