ޚަބަރު

ކުނި މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއިން ޕާލޭ މޯލްޑިވްސްއާއެކު ސޮއިކޮށްފި

މުހައްމަދު އިޝާން

ކުނި މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ޕާލޭ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.

އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ތޯހާ އިބްރާހީމްއެވެ. ޕާލޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ އެ ޖަމިއްޔާގެ ޑިރެކްޓާ ޝަހީނާ އަލީ އެވެ.

އެމްއޭސީއެލްއިން މިރޭ ބުނީ، އެކުންފުނީގެ ތިމާވެއްޓާ ރަށްޓެހި ސިޔާސަތުގެ ދަށުން ވެވުނު އެ އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވޭސްޓް ސްޓްރީމްގައި ހުންނަ ޕްލާސްޓިކްގެ ބާވަތްތައް ކަނޑަށް އެޅިގެން ދިޔުން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ވީއައިއޭގައި ހުންނަ އެހެނިހެން ބާވަތްތަކުގެ ކުނިވެސް ރައްކާތެރިކަމާއެކު ނައްތާލުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ކުނި މެނޭޖްކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ "އެއާ ސްޓްރެޓެޖީ"ގެ ދަށުންނެވެ. އެ ސްޓްރެޓެޖީ ހިމެނެނީ ޕްލާސްޓިކް ބާވަތްތައް މަދުކުރުމާއި، ޕްލާސްޓިކްގެ ބާވަތްތަކުން ދުރުހެލިކުރުމާއި ޕްލާސްޓިކް ކުނި އުފެދޭ ނިޒާމްތައް ރީޑިޒައިން ކުރުމެވެ.

ޕާލޭ މޯލްޑިވްސްއަކީ ކަނޑުތަކަށް އެޅޭ ޕްލާސްޓިކާ ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ހިންގައިފައެވެ.