ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) 700 މިލިއަން ޑޮލަރުން ދަރާފައިވާއިރު އޭގެ ތެރެއިން 434 މިލިއަން ޑޮލަރަކީ ހިޔާ މަޝްރޫއުގެ ލޯނު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުން ގަވާއިދުން ކުލި ދައްކަމުން ނުދާނަމަ އެޗްޑީސީއަށް ލޯނު ނުދެއްކޭނެ ކަމަށެވެ. އެޗްޑީސީއަށް ލޯނު ނުދެއްކޭނެކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވީ ހިޔާ ފްލެޓްތަކަށް ބައެއް ފަރާތްތަކުން ކުލި ދައްކަމުންނުދާތީއެވެ.
ލޯނުތައް ނުދެއްކި އެޗްޑީސީ ޑީފޯލްޓް ނުވަތަ ދަރަނިވެރިވާނަމަ އެ ކުންފުނި ބަނގުރުޓޫވެ ވިޔަފާރި ނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓް އޮފީހުގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެޗްޑީސީން ވަނީ 700 މިލިއަން ޑޮލަރަށްވުރެ ގިނަ ލޯނު ނަގައިފައެވެ. އެ ލޯނުތަކުގެ ތެރެއިން 434 މިލިއަން ޑޮލަރަކީ ހިޔާ ފްލެޓް މަޝްރޫއަށް ނަގާފައިވާ ލޯނުތަކެވެ. އެއީ ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކަށްވުމުން އެ ލޯނުތައް އަނބުރާ ނުދެއްކިއްޖެނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދައުލަތުންނެވެ.
ހިޔާ ފްލެޓުގެ މަޝްރޫއަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަން ބޭންކް އޮފް ޗައިނާ (އައިސީބީސީ)އިން ނަގާފައިވާ 368 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އެޗްޑީސީން ވިއްކަން މަސައްކަތްކުރަމުން އަންނަ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާ އެކިއެކި ސަބަބުތަކާ ހުރެ ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނީގެ ހަރަދުތައް ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ސޮވެރިން ގެރެންޓީގައި ލޯނު ނަގާފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނަމަވެސް ކުންފުނީގެ ހަރަދުތައް ދަމަހައްޓައި ކުންފުނި ހިންގަން އިތުރު ލޯނު ނަގަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީ ބޮޑެތި އަދަދުތަކުން ދަރަނިވެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ ހިޔާ ފްލެޓްތަކުގެ ވެރިން އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުން ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.